ސަރުކާރުން ކުރިއަށްގެންދާ ދުންފަތުގެ އިސްތިއުމާލު ހުއްޓާލުމުގެ ހާއްސަ ފަރުވާ ޕްރޮގްރާމްގެ ދަށުން، 709 މީހަކު މިހާތަނަށް ފަރުވާ ފުރިހަމަކޮށް ދުންފަތާ ދުރުހެލިވެފައިވާ ކަމަށް ހާމަކޮށްފިއެވެ.
ދުންފަތާ ދުރުވުމަށް އެހީތެރިވެދޭ "ސެޒޭޝަން ކްލިނިކް" ތަކުގެ ހިދުމަތް މިހާރު މާލޭގެ 3 ހޮސްޕިޓަލެއްގެ އިތުރުން، އަތޮޅުތަކުގެ 48 ތަނަކުން ދަނީ ފޯރުކޮށްދެމުންނެވެ.
ފަރުވާގެ ފެންވަރު މަތިކުރުމުގެ ގޮތުން، ދުންފަތް ހުއްޓާލުމުގެ ފަރުވާ ދިނުމަށް 840 ސިއްހީ ހިދުމަތްތެރިން ވަނީ ހާއްސަ ތަމްރީނު ފުރިހަމަކޮށްފައެވެ. އަދި ދުންފަތާ ދުރުހެލިވުމަށް ގާއިމުކޮށްފައިވާ 24 ގަޑިއިރުގެ ހޮޓްލައިން މެދުވެރިކޮށް 877 މީހަކަށް ވަނީ ލަފައާއި އިރުޝާދު ދީފައެވެ.
ދުންފަތުގެ އިސްތިއުމާލު މަދުކުރުމަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ޤާނޫނާއި އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް އިސްލާހު ގެނެސް، ވޭޕްކުރުމަށް ބޭނުންކުރާ ތަކެތީގެ އިމްޕޯޓް ޑިއުޓީ ވަނީ ބޮޑުކޮށްފައެވެ. އަދި 2024 ވަނަ އަހަރުގެ ޑިސެންބަރު މަހުން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި ވިއްކުން ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން، 2007 ވަނަ އަހަރުން ފެށިގެން އުފަންވި މީހުންނަށް ރާއްޖޭގައި ދުންފަތުގެ އެއްވެސް ބާވަތެއް ވިއްކުމާއި ބޭނުންކުރުން މަނާކުރާ "ޖެނެރޭޝަނަލް ބޭން" ވެސް ވަނީ ތަންފީޒުކޮށްފައެވެ.






