އާދިއްތަ, November 22
ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސި މައްސަލައިގައި ހައްޔަރުކުރި ތިން މީހަކު ދޫކޮށްލައިފި

ސިނަމާލެ ބްރިޖު ހައިވޭގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމުގެ މަސައްކަތުގައި ހުރި ފުލުސް އޮފިސަރެއްގެ ގައިގައި ސައިކަލަކުން ޖައްސައި ސީރިއަސް އަނިޔާތަކެއް ދިން މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ބަންދުން ދޫކޮށްލައިފިއެވެ.

ދޫކޮށްލާފައިވަނީ ކ. ގާފަރު، މަލަ، އަޙްމަދު ސިނާޒް (30އ) އާއި 21 އަހަރުގެ ދެ ފިރިހެނުންނެވެ. އެ ތިން މީހުން ބަންދުން ދޫކޮށްލާފައިވަނީ ފުރައިގެން ނުދިއުމަށް ޝަރުތުކޮށްފައެވެ.

ފުލުސް އޮފިސަރުގެ ގައިގައި ޖެހުނު ސައިކަލު ދުއްވަން އިން ކަމަށް ތުހުމަތުކުރެވޭ ހދ. ކުޅުދުއްފުށި، އުއްދަޑިމާގެ، ޢަބްދުﷲ ސައްމާޙް ޙަސަން ޞާދިޤް (20އ) ގެ ބަންދަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ސައިކަލު ފުލުސް އޮފިސަރުގެ ގައިގައި ޖެއްސި ވަގުތު އެ މީހުން ތިބީ މަސްތުގެ ހާލަތުގައެވެ. އަދި ހަތަރު މީހުންގެ ޔޫރިންގެ ވަގުތީ ނަތީޖާއިން ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހު، ބްރިޖު ހައިވޭގައި ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވުމަށް ފުލުހުން ޖަހާފައިވާ ޗެކްޕޮއިންޓެއްގައެވެ. އެ ހާދިސާގައި ފުލުސް އޮފިސަރުގެ މޫނުމައްޗަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެއެވެ.

ފުލުހުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި ތަޙުޤީޤުކުރަމުންދާ ކަމަށް ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު