އާދިއްތަ, November 22
އަސާސީ ކާބޯތަކެތީގެ ޝޯޓޭޖެއް ނެތް، ސްޓޮކް އެބަހުރި: އެސްޓީއޯ

ބާޒާރުގައި އަސާސީ ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގު ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާ ނަމަވެސް، އެސްޓީއޯއިން ވިއްކާ ތަކެތީގެ އަގަށް ބޮޑު ބަދަލެއް އައިސްފައި ނުވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ހާމަކުރި ގޮތުގައި، އަސާސީ ކާބޯތަކެތީގެ ޝޯޓޭޖެއް ނެތް ކަމަށާއި، މިވަގުތު ވެސް އެކަށީގެންވާ މިންވަރަށް ސްޓޮކް އެބަހުރި ކަމަށެވެ.

ބައެއް ފިހާރަތަކުން އަގުބޮޑުކޮށް ވިއްކާ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ކެރެޓް ކިލޯއެއް އެސްޓީއޯއިން މިހާރު ވިއްކަނީ 40 ރުފިޔާއަށެވެ. އަދި ބިހެއް 2 ރުފިޔާއަށް ވިއްކާއިރު، ބިސް ކޭހެއްގެ އަގަކީ 415 ރުފިޔާއެވެ.

މީގެ އިތުރުން، އެސްޓީއޯއިން ފިޔާ ކިލޯއެއް 15 ރުފިޔާއަށް، ލޮނުމެދު ކިލޯއެއް 50 ރުފިޔާއަށް އަދި އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކަމުންދެއެވެ.

އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ "އަގުމަގު" ޕޯޓަލުން ދައްކާ ގޮތުގައި، މިމަހުގެ ކުރީކޮޅު ބާޒާރުގެ ބައެއް ފިހާރަތަކުން ކެރެޓް ކިލޯއެއް 25 ރުފިޔާއަށް ވިއްކި ނަމަވެސް، މިހާރު ބައެއް ތަންތަނުގައި ކެރެޓް ކިލޯއެއްގެ އަގު 50 ރުފިޔާއާއި 120 ރުފިޔާއާ ދެމެދަށް އުފުލިފައިވެއެވެ. އަދި ބައެއް ފިހާރަތަކުގައި ކުކުޅު ބިހެއްގެ އަގު 3 ރުފިޔާއަށް ވަނީ މަތިވެފައެވެ.

ދަތިކަމެއް ނެތި ކާބޯތަކެތި ރާއްޖެއަށް ލިބޭކަން ކަށަވަރުކުރުމަށްޓަކައި އެސްޓީއޯއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ)ގެ އަންދާޒާތަކަށް ބަލާއިރު، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ހަކަތައިގެ އަގު އުފުލިފައިވާތީ، މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ އިންފްލޭޝަން ރޭޓް މައްޗަށް ދާނެއެވެ. ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށް ވާތީ، ކާބޯތަކެތީގެ އަގުތައް ވެސް އުފުލޭނެ ކަމަށް އެ ބޭންކުން ވަނީ ލަފާކޮށްފައެވެ.

މިއަހަރުގެ ފަހުކޮޅު ރާއްޖޭގެ އިންފްލޭޝަން 2.2 އިންސައްތައަށް މަތިވި ނަމަވެސް، 2027 ވަނަ އަހަރު އެ ނިސްބަތް 2.0 އިންސައްތައަށް ދަށްވާނެ ކަމަށް އޭޑީބީން އަންދާޒާކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު