އީރާނުން ދިން ހަމަލާތަކެއް ދިފާއުކޮށް ހުއްޓުވަމުންދިޔަ ވަގުތު، އޭގެ ތެރެއިން ހަމަލާއެއް އާންމުންގެ ސިނާއީ މަރުކަޒަކަށް އަމާޒުވެ އަލިފާނުގެ ހާދިސާއެއް ހިނގި ނަމަވެސް އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ބަހްރައިނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
ބަހްރައިނުގެ ދާޚިލީ ވުޒާރާއިން މީސްމީޑިއާ ޕްލެޓްފޯމް "އެކްސް" މެދުވެރިކޮށް ބުނެފައިވަނީ، ހަމަލާއާ ގުޅިގެން ސިނާއީ މަރުކަޒުގައި ރޯވި އަލިފާން ނިއްވާލުމަށް ސިވިލް ޑިފެންސްގެ ޓީމުތަކުން ވަގުތުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. ނަމަވެސް، މި ހާދިސާ ހިނގީ ވަކި ކޮން ތަނެއްގައި ކަމެއް އެ ވުޒާރާއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާތައް އަމާޒުވުމުގެ ކުރިން ބަހްރައިނުގައި ވަނީ ވައިގެ ހަމަލާގެ އިންޒާރުދޭ ސައިރަން އަޅައި، ރައްޔިތުން އެންމެ ކައިރީގައިވާ ރައްކާތެރި ތަންތަނަށް ދިއުމަށް އިލްތިމާސްކޮށްފައެވެ. އޭގެ ފަހުން ނުރައްކާ ފިލައިގޮސްފައިވާކަން އަންގައި ދެވަނަ އެލާޓެއް ވެސް ދާޚިލީ ވުޒާރާއިން ވަނީ ނެރެފައެވެ.
ބަހްރައިނުގެ ޑިފެންސް ފޯސްއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، އެ ޤައުމުގެ ވައިގެ ދިފާއީ ނިޒާމުން އީރާނުން ފޮނުވާލި ގިނަ ހަމަލާތަކެއް ވަނީ ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ. އަދި ހުއްޓުވި ހަމަލާތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ބައެއް މާއްދީ ގެއްލުންތައް ލިބުނު ނަމަވެސް، އެއްވެސް ފަރާތަކަށް ޖިސްމާނީ އަނިޔާއެއް ވެފައި ނުވާ ކަމަށް އެ ފަރާތުން ކަށަވަރުކޮށްދެއެވެ.
މި ހަމަލާތަކާ ގުޅިގެން އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސްއިން ބުނެފައިވަނީ، ބަހްރައިނުގައި ހުންނަ އަލްރިފާ އަދި އަވާލީ ބޭސްތަކުގައި ގާއިމުކޮށްފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ހަމަލާތަކެއް ދީފައިވާ ކަމަށެވެ. އަދި މި ހަމަލާތަކަކީ އެމެރިކާގެ ޑްރޯންތަކެއް އީރާނުގެ ވައިގެ ސަރަހައްދަށް ވަދެގަތުމުން، އޭގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް ވެސް އެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އެމެރިކާގެ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓުގެ މައި މަރުކަޒު ވެސް ހުންނަނީ ބަހްރައިނުގައެވެ.






