މާލޭގައި ހ. ބެރަބެދިމާގޭގެ ދެވަނަ ފަންގިފިލާގައި ރޭ ރޯވި އަލިފާން، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަޔަރފައިޓަރުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފުން މަޢުލޫމާތު ދިން ގޮތުގައި، މި ހާދިސާގެ މަޢުލޫމާތު ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބިފައިވަނީ ރޭ 23:25 ހާއިރުއެވެ. އެ މަޢުލޫމާތު ލިބުމާއެކު، ފަޔަރފައިޓަރުން ވަގުތުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައިވެއެވެ.
ފަޔަރފައިޓަރުން ކުރި މަސައްކަތުން، އެގޭގައި ރޯވި އަލިފާން އެއްކޮށް ނިއްވާލެވިފައިވަނީ 00:39 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. ނަމަވެސް، އަލިފާން ރޯވާން މެދުވެރިވި ސަބަބެއް އަދި ހާމަކޮށްފައެއް ނުވެއެވެ.






