އެމްއެންޑީއެފްގެ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސްގެ ސިފައިން، ތ. ދިޔަމިގިލީ ސްކޫލުގައި އިމާރާތްކުރަން ފެށި، 10 ކްލާސްރޫމް ހިމެނޭ ތިން ބުރީގެ އިމާރާތުގެ މަސައްކަތް ނިންމާލައިފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދިން ގޮތުގައި، މި އިމާރާތުގެ މަސައްކަތް ސިފައިން ފެށީ މިދިޔަ މާޗް 31 ގައެވެ. މަސައްކަތް އެއްކޮށް ނިންމާލީ ހޮނިހިރު ދުވަހު ކަމަށާއި، 235 ދުވަހުގެ ތެރޭގައި އިމާރާތް ނިންމާލުމަށް ސިފައިން ވަނީ ރެޔާއި ދުވާލު ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މަސައްކަތް ފެށީ، ކުރިން ނިންމާފައި ހުރި އިމާރާތުގެ ސްޓްރަކްޗާއަށް ލިބިފައިވާ ގެއްލުންތައް އަލުން މަރާމާތުކޮށް، އިތުރު ކޮލަމްތައް ޖަހައި ސްޓްރަކްޗާ ވަރުގަދަކުރުމަށް ފަހުގައި ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.
އޭގެ އިތުރުން، އިމާރާތުގެ ކޮންކްރީޓް މަސައްކަތާއި ރޭނުމާއި ސިމެންތި ޖެހުމުން ފެށިގެން، އަލިފާން ނިއްވާ ތަކެތި ހަރުކުރުމާއި ސްކޫލުގެ ނަން ބޯޑު ހަރުކުރުން ފަދަ މަސައްކަތްތައް ވެސް ސިފައިން ވަނީ ކޮށްފައެވެ.
މި މަޝްރޫޢުގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ސާވިސް ކޯގެ މިލިޓަރީ އިންޖިނިއާސްގެ ވޮރަންޓް އޮފިސަރު 2 ޖަޢުފަރު މުޙައްމަދު ކަމަށާއި، އެސިސްޓެންޓް މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވަނީ ފަސްޓް ސާޖަންޓް އަޙްމަދު ޚާލިދު ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.
މަސައްކަތް ފުރިހަމަކޮށް ނިންމުމުގައި ސާވިސް ކޯގެ ސިގްނަލްސްއާއި، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސްގެ ސިފައިންގެ ޓެކްނިކަލް އެހީތެރިކަމާއި، ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންގެ ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން އެމްއެންޑީއެފުން ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، މަސައްކަތް ފެށުނީއްސުރެ ނިމެންދެން ދިޔަމިގިލީގެ ރައްޔިތުންގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބިފައިވާ ކަމަށާއި، ބައެއް މަސައްކަތްތަކުގައި ރައްޔިތުން ސިފައިންނާއެކު ޢަމަލީގޮތުން ބައިވެރިވެ، އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.






