އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބަލަހައްޓާ، ޤައުމީ ޖިނާއީ މައުލޫމާތުތަކާ ބެހޭ ޑޭޓާބޭސް "ނޭޝަނަލް ކްރައިމް އިންފޮމޭޝަން ސެންޓަރު" (އެންސީއައިސީ) އަށް ހެކަރުން ހުއްދައެއް ނެތި ވަދެ، ސައިބާ ހަމަލާއެއް ދީފައިވާ ކަމަށް ރިޕޯޓްކޮށްފިއެވެ.
އިތުބާރު ހުރި މަސްދަރުތަކާ ހަވާލާދީ ފޮކްސް ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ފާއިތުވި މަދު މަސްތަކެއްގެ ތެރޭގައި އެފްބީއައިގެ ސިސްޓަމްތަކަށް އަމާޒުކޮށް ދިން ދެވަނަ ސައިބާ ހަމަލާއެވެ.
މި ހަމަލާގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، މިއީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން ކަމަށް ފޮކްސް ނިއުސްއަށް ދިން އިންޓަވިއުއެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
އެންސީއައިސީއަކީ އެމެރިކާގެ ފެޑެރަލް، ސްޓޭޓް އަދި ލޯކަލް ފުލުހުންގެ އިދާރާތަކުން ކުށްވެރިންގެ މައުލޫމާތާއި ކުށުގެ ރެކޯޑުތަކުގެ އިތުރުން ގެއްލިގެން ހޯދާ މީހުންގެ މައުލޫމާތު ހިއްސާކުރުމަށް ބޭނުންކުރާ މައިގަނޑު ސިސްޓަމެވެ.
މި ހަމަލާގެ ތަހުގީގު އެފްބީއައިން ވަނީ ފަށައިފައެވެ. ނަމަވެސް، ޑޭޓާބޭސްގައިވާ މައުލޫމާތަށް ބަދަލެއް ގެނެސްފައިވޭތޯ ނުވަތަ މައުލޫމާތު ވަގަށް ނަގާފައިވޭތޯ އަދި ސާފުވެފައެއް ނުވެއެވެ.
މީގެ ކުރިން ސެޕްޓެމްބަރު މަހުގައިވެސް ހެކަރުންގެ ގްރޫޕަކުން ވަނީ އެފްބީއައިގެ ވަޒީފާތަކާ ބެހޭ ޕޯޓަލަކަށް ހަމަލާދީ، މުވައްޒަފުންގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައެވެ.






