އާދިއްތަ, November 22
ނަރުހުންގެ ޝަކުވާތައް ސީރިއަސްކޮށް ބައްލަވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

ވަޒީފާގެ މާހައުލުގައި މުވައްޒަފުންނަށް ދިމާވާ ދަތިތަކަށް ހައްލު ހޯއްދަވައި، ހަމަހަމަކަމާއި އިންސާފުވެރި މާހައުލެއް ކަށަވަރުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 14 ވަނަ އެޕިސޯޑުގައި ނަރުހަކާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ޕްރޮގްރާމުގައި ނަރުހު ވަނީ ވަޒީފާގެ މާހައުލުގައި ހުންނަ ތަފާތުކުރުންތަކާއި، އިންސާފު ހޯދުމުގައި ކުރިމަތިވާ ހުރަސްތައް ފާހަގަކޮށްފައެވެ. އަދި މުވައްޒަފުން ކުރާ ޝަކުވާތަކަށް ވަޒީފާދޭ ފަރާތްތަކުން އެކަށީގެންވާ ގޮތަކަށް އިޖާބަ ނުދޭ ކަމުގެ ކަންބޮޑުވުން ވެސް އޭނާ ފާޅުކުރިއެވެ.

ނަރުހު ފާހަގަކުރި ގޮތުގައި، ބައެއް ތަންތަނުގައި ނަރުހުންގެ މަސައްކަތްތައް ބަލަހައްޓަނީ ނާސިންގ ދާއިރާގެ ތަޖުރިބާއެއް ނެތް ވެރިން ކަމަށާއި، އެ ފަންނާ އެކަށީގެންނުވާ ނިންމުންތައް ނިންމަމުންދާ ކަމަށެވެ.

ނަރުހުންގެ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ހުށަހެޅުނު ކަންބޮޑުވުންތައް ސަރުކާރުން ވަރަށް ގާތުން ބައްލަވާނެ ކަމަށާއި، މުވައްޒަފުންގެ ޝަކުވާތަކަށް ހައްލު ހޯދައިދިނުމުގައި މިހާރަށްވުރެ ދެފުށް ފެންނަ، އިންސާފުވެރި ނިޒާމެއް ޤާއިމުކޮށްދެއްވާނެ ކަމަށެވެ.

"ތިހުރި ގޮތް ރަނގަޅުކުރުމަށް ވަރަށް މަސައްކަތް ކުރާނަން. ވަޒީފާގެ މާހައުލުގައި އިންސާފު ޤާއިމުކުރުން ނުވަތަ މުވައްޒަފުންގެ ކަންބޮޑުވުންތައް އަޑުއެހުމާއި އެކަންކަމަށް ޖަވާބުދާރީވުމާއި ވީހާވެސް ދެފުށް ފެންނަ ގޮތަށް. މުވައްޒަފުންނާއި ދޭތެރޭ ނަރުހުން ހާއްސަކޮށް ވަރަށް މުހިންމު ޚިދުމަތެއް ދޭ ބައެއް. ތިކަން ވަރަށް ސީރިއަސްކޮށް ބަލައިދޭނަން،" އެމަނިކުފާނު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު