އާދިއްތަ, November 22
އެސްޓީއޯއިން ކެރެޓު ކިލޯއެއް 40 ރުފިޔާއަށް ވިއްކާއިރު، ބާޒާރުގައި އަގު 170 ރުފިޔާއަށް އަރައިފި

އާންމު ބާޒާރުގައި ކެރެޓު ކިލޯއެއް 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދުގެ އަގެއްގައި ވިއްކަމުން ދާއިރު، ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ފިހާރަތަކުން ކެރެޓު ކިލޯއެއް ވިއްކަނީ 40 ރުފިޔާއަށް ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

މިނިސްޓްރީން "އެކްސް"ގައި އާންމުކުރި މަޢުލޫމާތުގައިވާ ގޮތުން، އެސްޓީއޯއިން ލޮނުމެދު ކިލޯއެއް ވިއްކަނީ 50 ރުފިޔާއަށެވެ. އަދި ފިޔާ ކިލޯއެއް 15 ރުފިޔާއަށާއި، އަލުވި ކިލޯއެއް 12 ރުފިޔާއަށް ވިއްކަމުން ދެއެވެ.

ބާޒާރުގެ ވިޔަފާރިވެރިން ހާމަކުރާ ގޮތުގައި، ކުރިން 180 ރުފިޔާއާއި 200 ރުފިޔާއާ ދެމެދުގެ އަގެއްގައި ލިބެމުން އައި ކެރެޓު ކޭހެއްގެ އަގު މިހާރު ވަނީ 1،500 ރުފިޔާއަށް އަރާފައެވެ. ކެރެޓު ކިލޯއެއްގެ އަގު މިހާރު 160 ރުފިޔާއާއި 170 ރުފިޔާއާ ދެމެދުގައި ހުރިއިރު، ކުރިން ކިލޯއެއް ލިބެމުން އައީ 25 ރުފިޔާއާއި 30 ރުފިޔާއާ ދެމެދުގައެވެ.

ކެރެޓުގެ އިތުރުން ބިހާއި ފިޔާގެ އަގު ވެސް ބާޒާރުގައި ވަނީ ބޮޑުވެފައެވެ. އެގޮތުން، ކުރިން 400 ރުފިޔާއަށް ވުރެ ދަށުން ލިބުނު ބިސް ކޭހެއް މިހާރު ވިއްކަމުން ދަނީ 530 ރުފިޔާއަށް ކަމަށާއި، 230 ރުފިޔާއާއި 250 ރުފިޔާއާ ދެމެދުގައި ލިބުނު ފިޔާ ބަސްތާއެއްގެ އަގު 480 ރުފިޔާއާއި 500 ރުފިޔާއާ ދެމެދަށް އަރާފައިވާ ކަމަށް ވިޔަފާރިވެރިން ބުނެފައިވެއެވެ.

ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ނިމުނު އޮކްޓޫބަރު މަހު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހާ އަޅާބަލާއިރު 9 އިންސައްތަ އުފުލިފައެވެ. މަހުން މަހަށް ބަލާއިރު ވެސް ތަކެތީގެ އަގު ވަނީ 1.01 އިންސައްތަ އިތުރުވެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު