ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުގައި ބަހައްޓާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް ޢަބްދުﷲ ޝާހިދު ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގެ އިސްތިއުނާފު މައްސަލައިގެ ހުކުމް މާދަމާ އިއްވުމަށް ހައިކޯޓުން ތާވަލުކޮށްފިއެވެ.
ހައިކޯޓުގެ ކަލަންޑަރުގައިވާ ގޮތުން، މި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް ކުރިއަށްދާނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގައެވެ.
ޝާހިދު ހައްޔަރުކުރުމަށްފަހު ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް ޖަހާފައެވެ. އެ ނިންމުން ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ވަނީ މިދިޔަ ހަފުތާގައި ނިންމާލާފައެވެ.
ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ އާންމުކޮށް ސިއްރުކޮށްގެން ކުރިއަށްގެންދާ މައްސަލަތަކަކަށް ވާތީ، މި މައްސަލައިގެ އަޑުއެހުންތައް ވެސް ހައިކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެންނެވެ.
އުމުރުން 64 އަހަރުގެ ޝާހިދު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ، މި މަހުގެ ކުރީކޮޅު ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުގައި ހުންނަވަނިކޮށެވެ.
އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ދައުރުގެ ރައީސްކަން ވެސް ކުރެއްވި ޝާހިދު ވަނީ، އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ. އެއީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވުމާ ގުޅިގެން، އޭނާގެ އަބުރު ކަތިލުމަށް ސިޔާސީ މަގްސަދެއްގައި ކުރާ ދޮގު ތުހުމަތުތަކެއް ކަމަށް ވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.
ނަމަވެސް ސަރުކާރުން ބުނެފައިވަނީ، ޝާހިދު ހައްޔަރުކުރުމުގެ ފަހަތުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، މިފަދަ ސީރިއަސް ތުހުމަތުތަކުގައި އެންމެންގެ މައްޗަށް ވެސް ހަމަހަމަކަމާއެކު ޤާނޫނު ތަންފީޒުކުރާނެ ކަމަށެވެ.






