Saturday, November 21
ބީއެމްއެލުން ލޯނު ދޫކުރާ އުމުރުފުރާ 75 އަހަރަށް މަތިކުރަން ރައީސް އެދިވަޑައިގެންފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ލޯނު ދޫކުރުމުގައި މިހާރު ކަނޑައަޅާފައިވާ 60 އަހަރުގެ އުމުރުގެ ލިމިޓް، 75 އަހަރަށް ނުވަތަ އެއަށްވުރެ މައްޗަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެންފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ސީދާ އެމަނިކުފާނާ ހިއްސާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގައި، އުމުރުން ދުވަސްވީ ރައްޔިތަކު ކުރި ޝަކުވާއަކަށް ޖަވާބުދެއްވަމުންނެވެ.

އެ ޕްރޮގްރާމުގައި ވާހަކަދެއްކި މީހާ ބުނީ، އަމިއްލަ ބިމުގައި ގެ އެޅުމަށް ލޯނެއް ހޯދަން މަސައްކަތްކުރިއިރު، ބޭންކުތަކުން ކަނޑައަޅާފައިވާ 60 އަހަރުގެ ލިމިޓަށްވުރެ އޭނާގެ އުމުރު މަތިވެފައިވާތީ ލޯނު ލިބޭ ގޮތް ނުވި ކަމަށެވެ. އަދި ދަރިންގެ ތައުލީމީ ބޭނުންތަކަށާއި އެހެނިހެން ކަންކަމަށް ލޯނު ނަގާފައި ހުރުމުގެ ސަބަބުން، ދަރިންނަށްވެސް އެކަމުގައި އެހީތެރިވެވެން ނެތް ކަމަށް އޭނާ ބުންޏެވެ.

"މުސްކުޅިވިޔަސް ޒުވާންވިޔަސް މަރުވާންވީމަ މަރުވޭ އެބަ. މުސްކުޅިވިޔަސް އެސެޓް މޯގޭޖްކޮށްފަ އިދޭ. އެހެންވީމަ އަޅުގަނޑު ގެ ހަދަން ލޯނު ނަގައިފިއްޔާ 10 ބުރިޔަށް ހެދޭ، 10 ބުރިޔަށް ހަދައިފިއްޔާ އެތާގެ އަގު ހުރޭ،" އޭނާ ބުންޏެވެ.

ލޯނު އަނބުރާ ނުދެއްކިއްޖެނަމަ އިމާރާތް ނުވަތަ އެސެޓް ބޭންކަށް ނެގޭ ގޮތަކަށް ވިޔަސް، އުމުރުން ދުވަސްވީ މީހުންނަށް ލޯނު ލިބޭނެ މަގު ފަހިކޮށްދިނުމަށް އޭނާ ވަނީ ރައީސަށް ދަންނަވާފައެވެ.

އެ ވާހަކައަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމުގެ އުންމީދީ އުމުރު ކުރިއަށްވުރެ މިހާރު މަތިވެ، 80 އަހަރާ ގާތްވެފައިވާއިރު، ލޯނު ދޫކުރުމުގައި 60 އަހަރުގެ ލިމިޓެއް އޮތުމަކީ މިހާރުގެ ހާލަތާ ގުޅޭ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް، އެ އުމުރުފުރާ މަތިކޮށްދިނުމަށް ބީއެމްއެލަށް ވަނީ އެދިވަޑައިގެންފައި ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވިން ބެންކުގަ އެއަށް ބަދަލެއް ގެނެސްދޭށޭ. ކަމާއި ބެހޭ ވުޒާރާގައި ފިނޭންސް މިނިސްޓްރީގައި ދަންނަވާފަވާނެ. އަޅުގަނޑު އެދިފައި އޮންނާނީ 75 އަހަރާ ހަމައަށް ނޫނީ އެއަށްވުރެވެސް މައްޗަށް އޭޖް ލިމިޓް،" ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު