Saturday, November 21
މޫސުމީ ވިލުންވެރިކަމަށް ޕްރައިވެޓް ސެކްޓަރުގެ މާލީ އެހީތެރިކަން މުހިންމު: މިނިސްޓަރު ޝަރީފް

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތައް ކުޑަކުރުމުގެ މަސައްކަތްތަކުގައި އަމިއްލަ ވިޔަފާރިތަކާއި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުމާއި މާލީ އެހީތެރިކަން މުހިންމު ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ މިނިސްޓަރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.

ޖަރުމަނުގެ ބްރޯޑްކާސްޓަރު ޑޮއިޗެ ވެލާ (ޑީޑަބްލިޔު) އަށް ދެއްވި ޚާއްޞަ އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މި ކަމުގައި ސަރުކާރުތަކާއި ބައިނަލްއަޤްވާމީ އިދާރާތަކުގެ ހިލޭ އެހީ ލިބުން މުހިންމު ނަމަވެސް، ހަމައެކަނި އެފަދަ މާލީ އެހީތެރިކަމަށް ބަރޯސާވެގެން ތިބެވެން ނެތް ކަމަށެވެ.

ކަނޑުގެ ލޮނގަނޑު އުފުލުމާއި މޫސުމީ ގޮތުން ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން ރާއްޖެއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދުނިޔެ ހޫނުވުމުގައި އެންމެ ކުޑަކޮށް ޒިންމާވާ އެއް ޤައުމަކީ ރާއްޖެ ކަމުގައި ވިޔަސް، އޭގެ ނުރައްކަލާއި ގެއްލުން އެންމެ ބޮޑަށް އުފުލަންޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފޮސިލް ފިއުލް ނުވަތަ ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގައި ރާއްޖެއަށް ހުރި ޖޯގްރަފީ އަދި ޢުމްރާނީ ދަތިތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ބޮޑެތި ޤައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި ސޯލާ ޕެނަލްތައް ބަހައްޓާނެ ބިމުގެ ޖާގަ ނެތުމުން، ރާއްޖެއިން މިހާރު އިސްކަން ދެނީ ފްލޯޓިންގ ސޯލާ ނިޒާމުތައް ޤާއިމުކުރުމަށް ކަމަށެވެ.

ސަރުކާރުތަކުގެ މެދުގައި ވެވޭ އެއްބަސްވުންތަކާއި މަލްޓިލޭޓަރަލް ފަންޑުތަކުގެ އެހީން އެކަނި މި ކަން ޙާޞިލުނުވާނެ ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ޝަރީފް ވިދާޅުވީ، ދުނިޔޭގެ ބޮޑެތި ޕްރައިވެޓް އިންޑަސްޓްރީތަކަކީ މިފަދަ ޤައުމުތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ޤާބިލުކަން ހުރި ފަރާތްތަކެއް ކަމަށާއި، އެ ފަރާތްތައް މޫސުމީ މަޝްވަރާތަކުގެ މޭޒަށް ގެނައުމަކީ މުޅި ދުނިޔެއަށްވެސް އޭގެ ހެޔޮ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

އަދި ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީތައް ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށް، މޫސުމީ ވިލުންވެރިކަމުގެ މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގައި ޕްރައިވެޓް ސެކްޓަރުގެ ބައިވެރިވުން އިތުރުކުރެވިއްޖެނަމަ، މޫސުމީ ނުރައްކާތައް ކުޑަކުރުމުގެ މަސައްކަތްތައް އެތައް ގުނައަކަށް އަވަސްވެ، ބޮޑު ބަދަލެއް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ތުރުކީވިލާތުގައި ބާއްވާ ކޮޕް31 ސަމިޓުގައި ރާއްޖެއިން ވަނީ މޫސުމީ މައްސަލަތަކަށް ދެމެހެއްޓެނިވި ޙައްލުތަކެއް ހޯދުމަށާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް ވަކާލާތުކޮށްފައެވެ. އެ ސަމިޓުގައި ރާއްޖޭގެ ފަރާތުން ދެއްވި ޤައުމީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޫސުމީ ބަދަލުތަކުން ކުރިމަތިވާ މައްސަލަތަކުން އަރައިގަތުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލައްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު