Saturday, November 21
ބަޖެޓަށް ފައިސާ ހޯދަން ބޭރުގެ މާކެޓުގައި 2.7 ބިލިއަން ރުފިޔާގެ ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކަނީ

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި، ބޭރުގެ މާކެޓުގައި 2.7 ބިލިއަން ރުފިޔާގެ ސުކޫކެއް ނުވަތަ ބޮންޑެއް ވިއްކަން ސަރުކާރުން ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އަންނަ އަހަރުގެ ބަޖެޓުގެ ތަފްސީލުތަކުން އެނގޭ ގޮތުގައި، އެ އަހަރުގެ ބަޖެޓު ފައިނޭންސްކުރުމަށް ބޭނުންވާ ފައިސާގެ 14 ޕަސެންޓް ހޯދަން ކަނޑައަޅާފައިވަނީ ބޭރުގެ މާކެޓުގައި ބޮންޑެއް ނުވަތަ ސުކޫކެއް އިޝޫކޮށްގެންނެވެ.

އަންނަ އަހަރުގެ ބަޖެޓު ފައިނޭންސްކުރުމަށް ޖުމްލަ 18.9 ބިލިއަން ރުފިޔާ ހޯދަން ޖެހޭއިރު، އޭގެ 63 ޕަސެންޓް ނުވަތަ 11.9 ބިލިއަން ރުފިޔާ ހޯދަން ހަމަޖެހިފައިވަނީ އެތެރޭގެ މާކެޓުންނެވެ. އެތެރޭގެ މާކެޓުން ހޯދާ ފައިސާގެ ބޮޑު ބައެއް ހޯދަނީ ޓްރެޜަރީ ބިލް (ޓީބިލް) ވިއްކައިގެންނެވެ.

މީގެ އިތުރުން، ބޭރުގެ މާލީ އިދާރާތަކާއި ޤައުމުތައް މެދުވެރިކޮށް 4.3 ބިލިއަން ރުފިޔާ ހޯދުމަށް ވެސް ބަޖެޓުގައި ހިމަނާފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އަދަދު ކަމަށްވާ 1.8 ބިލިއަން ރުފިޔާ ހޯދަން ކަނޑައަޅާފައިވަނީ "ޕޮޓެންޝަލް ފައިނޭންސިން ޕާޓްނަރުން" ގެ ގޮތުގައި ފާހަގަކޮށްފައިވާ ފަރާތްތަކުންނެވެ. ނަމަވެސް، އެއީ ކޮން ފަރާތްތަކެއްކަން ބަޖެޓުގައި ބަޔާންކޮށްފައެއް ނުވެއެވެ.

މާލީ އިދާރާތަކުގެ ތެރެއިން ދެން އެންމެ ބޮޑު އަދަދުތައް ހޯދަން ހަމަޖެހިފައިވަނީ އިސްލާމިކް ޑިވެލޮޕްމެންޓް ބޭންކް (އައިޑީބީ) އިން 368 މިލިއަން ރުފިޔާ އަދި ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) މެދުވެރިކޮށް 324 މިލިއަން ރުފިޔާއެވެ.

ސަރުކާރުން މިއަހަރު ވަނީ 2021 ވަނަ އަހަރު ވިއްކި 500 މިލިއަން ޑޮލަރުގެ ސުކޫކަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކައި ހަލާސްކޮށްފައެވެ. އެ ސުކޫކުގެ އަސްލު އަދަދާއި ކޫޕަން ފައިސާ ހިމެނޭގޮތަށް ޖުމްލަ 524 މިލިއަން ޑޮލަރު އަދާކޮށްފައިވާއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ބޮޑު ދަރަންޏެއް އަދާކުރަން ޖެހުނު އަހަރެވެ. މިއަހަރު ދަރަނި ދެއްކުމަށް ގާތްގަނޑަކަށް 26 ބިލިއަން ރުފިޔާ ހޭދަކުރަން ޖެހުނެވެ.

އަންނަ އަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 161 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 124 ޕަސެންޓެވެ.

ސަރުކާރުން ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފާސްކޮށްފައެވެ. ނަމަވެސް، އެ ބަޖެޓަށް ޢަމަލުކުރަން ފެށޭނީ މަޖިލީހުގެ ތަޅުމުން ފާސްކުރުމަށް ފަހުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު