ސްކޫލްތަކުގެ ކީ ސްޓޭޖް 3 ގެ ދަރިވަރުންނަށް މަސައްކަތުގެ ހުނަރު ދަސްކޮށްދިނުމަށް ޚާއްޞަ ޕްރީ-ވޮކޭޝަނަލް ޕްރޮގްރާމެއް އެކުލަވާލުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމުގެ މަސައްކަތް ތަޢުލީމާއި މަތީ ތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
ވުޒާރާއިން ކޮށްފައިވާ އިޢުލާނުގައިވާ ގޮތުން، މި މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކަށް ކުރިމަތިލެވޭނީ މި މަހުގެ 23 ވަނަ ދުވަހުގެ 13:00 އާ ހަމައަށެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަނީ "ސިސްޓަމް ޓްރާންސްފޯމޭޝަން ގްރާންޓް" ގެ އެހީގައި، ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަން މެދުވެރިކޮށެވެ. މި މަޝްރޫޢުގެ ދަށުން، އުނގެނުމުގައި ދަތިތައް ހުންނަ ދަރިވަރުން ވެސް ހިމެނޭ ގޮތަށް، ޢަމަލީ އަދި ދިރިއުޅުމުގެ ހުނަރުތައް ދަސްކޮށްދޭނެ ޕްރީ-ވޮކޭޝަނަލް ލާނިންގ ޕެކޭޖެއް އެކުލަވާލާނެއެވެ.
ހޮވޭ ކޮންސަލްޓެންޓްގެ މައިގަނޑު ޒިންމާއަކީ އެ ޕެކޭޖް ފަރުމާކޮށް، ސްކޫލްތަކުގައި އެ ޕެކޭޖް ތަންފީޒުކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި ހުނަރަށް ބިނާކުރެވިފައިވާ ތަޢުލީމު ފުޅާކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ވުޒާރާއިން ބުނެއެވެ. އެގޮތުން، އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭ.އީ.ޑީ.ޕީ) ގެ ދަށުން 28 ސްކޫލެއްގައި އަދި "ނިއު ޕޮލިސީ އިނިޝިއޭޓިވް" ގެ ދަށުން އިތުރު ހަ ސްކޫލެއްގައި "ސްކިލްސް ހަބް" ވަނީ ޤާއިމުކޮށްފައެވެ. އެ ތަންތަނުގައި ކެއްކުމާއި ފެހުމާއި ކުރެހުމުގެ އިތުރުން ވަޑާންކުރުން ފަދަ ޢަމަލީ ދާއިރާތަކުން ދަރިވަރުންނަށް ތަމްރީނު ދެމުންދެއެވެ.
ނަމަވެސް، އުނގެނުމުގައި ދަތިތައް ހުންނަ ދަރިވަރުންނަށް އެކަށޭނަ ހުނަރުގެ ޕްރޮގްރާމްތައް މަދުވުމާއި މުދައްރިސުންގެ ތަމްރީނު މަދުވުން ފަދަ ގޮންޖެހުންތައް ހުރިކަން ވުޒާރާއިން ފާހަގަކުރެއެވެ. އަލަށް އެކުލަވާލާ ޕްރޮގްރާމުގެ މަޤްޞަދަކީ އެފަދަ ދަރިވަރުން ވަޒީފާގެ މައިދާނަށް ތައްޔާރުކޮށް، އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ ބަޔަކަށް ހެދުމެވެ.






