Saturday, November 21
ތިން އަހަރުތެރޭ ގެދޮރުވެރިކަމަށް ވަށާޖެހޭ ނިޒާމެއް ޤާއިމުކޮށްދެވިއްޖެ: މިނިސްޓަރު މުއްޠަލިބް

ސަރުކާރު ވެރިކަމާ ހަވާލުވިއިރު ކުރިމަތިވެފައި ހުރި މާލީ ދަތިތަކާއެކުވެސް، ރައްޔިތުންނަށް އަމިއްލަ ގެދޮރުވެރިކަމަށް ވާސިލުވެވޭނެ ވަށާޖެހޭ ނިޒާމެއް ފާއިތުވި ތިން އަހަރުތެރޭ ޤާއިމުކޮށްދެވިފައިވާ ކަމަށް އުމްރާނީ ތަރައްޤީއާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމާ ގުޅިގެން އެމްއެމްޓީވީން ގެނެސްދޭ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުރީގެ ސަރުކާރުތަކުން ހައުސިންގ މަޝްރޫޢުތައް ހިންގީ ބޭރުގެ އެހީއާއި ދަރަންޏަށް ބަރޯސާވެގެން ކަމަށާއި، ޤައުމުގެ ދަރަނީގެ ހާލަތާ ހެދި މި ސަރުކާރަށް އެ މަގު ބަންދުވި ކަމަށް ވަޒީރު ވިދާޅުވިއެވެ. ލޯނު ނަގައިގެން ހިންގަން އެއްބަސްވުންތައް ހެދި މަޝްރޫޢުތައް ވެސް އިންޝުއަރެންސް ހަމަނުޖެހުން ފަދަ މައްސަލަތަކާ ހެދި ކުރިއަށް ނުގެންދެވުމުން، ސަރުކާރުން އިސްކަންދިނީ ސިޔާސަތުތައް ބަދަލުކޮށްގެން ހައްލު ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތުން ގެނައި ފުރަތަމަ ބަދަލަކީ، ބޭންކުތަކުގެ ލޯން ޕޯޓްފޯލިއޯގެ 10 އިންސައްތައާއި 15 އިންސައްތައާ ދެމެދުގެ މިންވަރެއް އިޖުތިމާޢީ ބޯހިޔާވަހިކަމަށް ޚާއްޞަކުރުން ލާޒިމުވާ ގޮތަށް މަރުކަޒީ ބޭންކުގެ އުސޫލުތައް ބަދަލުކުރުމެވެ. އެ ބަދަލާއެކު ބޭންކް އޮފް މޯލްޑިވްސްއިން ބީއެމްއެލްއޭގެ ނަމުގައި ކުންފުންޏެއް އުފައްދައި، ކުއްޔަށް ދައްކަމުން ގޮސް މިލްކުވާ އުސޫލުން 4،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރިއަށްގެންދަމުންދާ ކަމަށާއި، ސަރުކާރުގެ އުންމީދަކީ ދައުރު ނިމުމުގެ ކުރިން އެ ޔުނިޓުތަކުގައި މީހުންނަށް ދިރިއުޅެވޭ ވަރުކުރުން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ދެވަނަ ސިޔާސަތަކީ ރައްޔިތުންގެ އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ފަސް އިންސައްތަ ފައިދާގެ ރޭޓުގައި ލޯނު ދޫކުރާ ސްކީމެވެ. އެ ސްކީމުގެ ދަށުން ބީއެމްއެލުން މިހާތަނަށް 850 އަށްވުރެ ގިނަ ލޯނު ދޫކުރަން ނިންމައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުންނަށް އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ވަނީ ދޫކޮށްފައެވެ.

ބާޒާރުގައި ގެދޮރުގެ އަގު ވަރަށް މަތިވެފައިވާތީ، ފުރަތަމަ ފަހަރަށް ގެދޮރު ގަންނަ މެދުފަންތީގެ އާއިލާތަކަށް ހެޔޮ އަގެއްގައި ގެދޮރު ފޯރުކޮށްދިނުމަށް ތައާރަފުކުރި އެފޯޑަބަލް ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު އެޅުމަށް ވަނީ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ. މި އަހަރު ނިމުމުގެ ކުރިން އިތުރު 1،000 ޔުނިޓުގެ އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށާއި، އެ ޔުނިޓުތަކުގެ ތެރެއިން ތިން ކޮޓަރީގެ ޔުނިޓެއް 2.3 މިލިއަން ރުފިޔާއަށާއި ދެ ކޮޓަރީގެ ޔުނިޓެއް 1.8 މިލިއަން ރުފިޔާއަށް ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސްކީމުގެ ދަށުން އަތޮޅުތެރޭގައި އަޅާ ޔުނިޓުތަކުގެ 60 އިންސައްތަ 1.5 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާ އަގެއްގައި ވިއްކުން ލާޒިމުކޮށްފައިވާ ކަމަށާއި، އައްޑޫ ސިޓީގައި 500 ޔުނިޓާއި ފުވައްމުލަކު ސިޓީގައި 250 ޔުނިޓު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ގެދޮރު އެޅުމަށާއި ގަތުމަށް ނަގާ ލޯނުތަކަށް ބޭނުންވާ އިކުއިޓީ ހަމަޖައްސައިދޭ އިކުއިޓީ އެސިސްޓެންސް ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭ 750 މިލިއަން ރުފިޔާއާއި ހައުސިންގ ފަންޑުގައި ހުރި ފައިސާއާއެކު ޖުމްލަ އެއް ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ބޭންކުތަކުން ލޯނު ދޫކުރަން ނިންމައިފިނަމަ، އެ ފައިސާއިން 5،000 އާއިލާއަކަށް އިކުއިޓީ އެހީ ފޯރުކޮށްދެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިފަދަ ސްކީމުތަކުގެ ސަބަބުން، ގަތުމުގެ ޤާބިލުކަން ހުރި ފަރާތްތަކަށް އަމިއްލައަށް ގެދޮރު ގަތުމުގެ ފުރުޞަތު ފަހިވެ، އެންމެ ނިކަމެތި ރައްޔިތުންނަށް އިޖުތިމާޢީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރަށް މަގުފަހިވާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު