ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހޯދުމަށް ކުރިއަށް ގެންދިޔަ 771 އިންސްޕެކްޝަނެއްގެ ތެރެއިން 114 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެމްޓީވީގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ޤަވާޢިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ފިޔަވަޅު އެޅުމަށް ޚާއްޞަ ޓާސްކްފޯހެއް އުފައްދައި، ފުލުހުންނާއި އިމިގްރޭޝަނާ ގުޅިގެން އިންސްޕެކްޝަންތައް ހިންގަމުން ދާ ކަމަށެވެ. ބަންދުކުރި 114 ވިޔަފާރީގެ ތެރެއިން 75 ވިޔަފާރިއަކަށް ޤަވާޢިދަށް ފެތުމުން އަލުން ހުޅުވުމުގެ ހުއްދަ ދީފައިވާއިރު، ބާކީ ވިޔަފާރިތައް އަދިވެސް ހުރީ ބަންދުކޮށްފައި ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
އެ އޮޕަރޭޝަންތަކުގެ ތެރެއިން ހުއްދަ ނެތި ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަނެ، އެމީހުންނާމެދު ވެސް ފިޔަވަޅު އަޅާފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދިވެހި ވިޔަފާރިތައް ބާރުވެރިކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން 17 ދާއިރާއެއް ބިދޭސީންނަށް ވިޔަފާރިނުކުރެވޭ ދާއިރާތަކުގެ ލިސްޓަށް އިތުރުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ރީޓެއިލް ވިޔަފާރި ހިމެނޭ ކަމަށް ވެސް ސަޢީދު ވިދާޅުވިއެވެ.
ކުރިން ދިވެހި ވިޔަފާރިތަކަށް ޚާއްޞަކޮށްފައި އޮތީ ފަސް މިލިއަން ޑޮލަރަށްވުރެ ދަށުގެ ކޮންސްޓްރަކްޝަން މަޝްރޫޢުތައް ނަމަވެސް، މިހާރު 15 މިލިއަން ޑޮލަރަށްވުރެ ދަށުގެ މަޝްރޫޢުތައް ދިވެހިންނަށް ޚާއްޞަކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި 10 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރިސޯޓު ކޮންސްޓްރަކްޝަން މަސައްކަތާއި، 100 މިލިއަން ޑޮލަރަށްވުރެ ދަށުގެ ރިއަލް އެސްޓޭޓް މަޝްރޫޢުތަކާއި، ލޮޖިސްޓިކްސް، އޮފީސް އެޑްމިނިސްޓްރޭޝަން، ބަންކަރިންގ، ޝާއިޢުކުރުން، ކަނޑުދަތުރުފަތުރު އަދި އިވެންޓް މެނޭޖްމެންޓް ފަދަ ދާއިރާތައް ވެސް ދިވެހިންނަށް އެކަނި ޚާއްޞަކޮށްފައިވެއެވެ.
ފާއިތުވި ތިން އަހަރުގެ ތެރޭގައި 25،000 އަށްވުރެ ގިނަ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ކަމަށާއި، ފާސްކުރި 4،061 ލޯނު އެޕްލިކޭޝަނުގެ ތެރެއިން 2،771 ލޯނަކީ މުޅިން އަލަށް ވިޔަފާރި ފެށުމަށް ދޫކުރި ލޯނު ކަމަށް ވަޒީރު ވިދާޅުވިއެވެ. ދިވެހި ވިޔަފާރިތަކަށް 1.3 ބިލިއަން ރުފިޔާގެ ފެސިލިޓީ ދޫކުރެވުނުއިރު، އޭގެ ތެރެއިން ބައި ބިލިއަނެއްހާ ރުފިޔާ ދޫކުރީ އަލަށް އުފެދުނު ވިޔަފާރިތަކަށް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.






