Saturday, November 21
ސެނަފީ، އެސްޓްރާޒެނެކާ ފަދަ ކުންފުނިތަކާ ކޮންޓްރެކްޓު ހަދައިފި: ޑރ. ޝާހު

ރާއްޖެއަށް ބޭނުންވާ ބޭސް ދުރާލައި ރާވައިގެން، ދިގު މުއްދަތަކަށް ފުދޭ މިންވަރަށް އެއްފަހަރާ ގެނައުމަށްޓަކައި ދުނިޔޭގެ މަޝްހޫރު ބޭސް އުފައްދާ ބައެއް ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދާފައިވާ ކަމަށް ދައުލަތުގެ ބޭސް ކުންފުނި ސްޓޭޓް ފާމާގެ ސީއީއޯ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި އެމްއެމްޓީވީގެ "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖެއަށް އެތެރެކުރާ ބޭހުގެ 70 އިންސައްތަ މިހާރު ކޮންޓްރޯލުކުރަނީ އަމިއްލަ ވިޔަފާރިތަކުން ކަމަށެވެ. ބޭހާއި ސިއްހީ ސާމާނުގެ ސްޓޮކް ހުސްވުމުގެ މައްސަލައަކީ ކުރީގެ ސަރުކާރުތަކުގައި ވެސް ދިމާވި މައްސަލައެއް ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި މެދުނުކެނޑި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެކަމަށް ޚާއްޞަ ކުންފުންޏެއް އުފެއްދުމަކީ ކުރީގެ ސަރުކާރުތަކުން ނިންމަން ނުކެރި ފަސްޖެހިފައި އޮތް ނިންމުމެއް ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

ބޭހުގެ އަގު ބޮޑުވާ މައިގަނޑު ސަބަބުތަކަކީ މެދުވެރިން މެދުވެރިކޮށް ބޭސް އެތެރެކުރުމާއި، ކުދިކުދި އޯޑަރުތަކުގެ ގޮތުގައި ބޭސް ގެނައުން ކަމަށް ސީއީއޯ ވިދާޅުވިއެވެ. އެކަމަށް އޮތް ހައްލަކީ ޖެހިގެން އަންނަ އަހަރަށް ބޭނުންވާ ބޭހުގެ މިންވަރު ދުރާލައި އަންދާޒާކޮށް، އަހަރު ނިމުމުގެ ކުރިން އެއްފަހަރާ ބޭސް އެތެރެކުރުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"އެހެންވީމާ ރާއްޖެއަށް ބޭނުންވާ ބޭސްތައް ދުރާލައި ދެނެގަނެ، އަޅުގަނޑުމެންގެ އެސްޓިމޭޝަނެއް އެބައިންނަންޖެހޭ. އެކަން ކުރުމަށް އަހަރު ނިމުމުގެ ކުރިން މި އަންނަ އަހަރުގެ ބޭސްތައް އެތެރެކުރަން. އެއިރުން ބަލްކުކޮށް އަހަރަކަށް ބޭނުންވާ އާއްމު ބަލިތަކުގެ ބޭސްތައް އެތެރެކުރެވޭނެ،" ޑރ. ޝާހު ވިދާޅުވިއެވެ.

އަގުހެޔޮ ޖެނެރިކް ބޭހުގެ އިތުރުން މަތީ ފެންވަރުގެ ބްރޭންޑެޑް ބޭސް ގެނައުމަށް މަލްޓިނޭޝަނަލް ކުންފުނިތަކާއެކު އެއްބަސްވުންތައް ހަދަމުންދާ ކަމަށާއި، ސެނަފީ އަދި އެސްޓްރާޒެނެކާ ފަދަ ކުންފުނިތަކާއެކު މިހާރުވެސް ކޮންޓްރެކްޓުތައް ހަދާފައިވާ ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

އެ އެއްބަސްވުންތަކުގެ ދަށުން ރާއްޖެއަށް ބޭނުންވާ ވެކްސިނާއި އަސާސީ ބޭސްތައް ބަލްކުކޮށް އެއްފަހަރާ ގެނެވޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ. މީގެ އިތުރުން ޔޫއެންޑީޕީ ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކާ ގުޅިގެން ވެސް ބޭސް ހޯދުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭހުގެ ކޮންޓްރޯލު ދައުލަތުގައި އޮންނަންޖެހޭ ކަމަށް ގަބޫލުކުރައްވާ ނަމަވެސް، އެކަން ކުރާނީ އަމިއްލަ ވިޔަފާރިތަކަށް ބޮޑު ގެއްލުމެއް ނުލިބޭ ގޮތަށް، އެ ފަރާތްތަކާ ގުޅިގެން ކަމަށް ޑރ. ޝާހު ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު