Saturday, November 21
ކޯލްޑް ސްޓޮރޭޖުގެ ޖާގަ 25،000 މެޓްރިކް ޓަނަށް އިތުރުވާނެ: މިނިސްޓަރު ޝިޔާމް

މަސްވެރިން ބާނާ މަސް ތާޒާކަމާއެކު ރައްކާކުރުމުގެ ޤާބިލުކަން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މަޝްރޫޢުތައް ނިމުމުން، ރާއްޖޭގެ ކޯލްޑް ސްޓޮރޭޖުގެ ޖާގަ 9،500 މެޓްރިކް ޓަނުން 25،000 މެޓްރިކް ޓަނަށް އިތުރުވާނެ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި "ހަފުތާ 156" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ. އެ ޕްރޮގްރާމުގައި ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ މަންފާ އިތުރުކުރުމަށް މަސް ޕްރޮސެސްކުރެވޭ މިންވަރާއި، ތާޒާކަމާއެކު ގަނޑުކޮށް ރައްކާކުރެވޭ މިންވަރު އިތުރުކުރަންޖެހޭކަމީ ސާފު ކަމެއް ކަމަށެވެ.

ފާއިތުވި ދައުރުތަކުގައި މަސްވެރިކަމުގެ ސިނާޢީ ޤާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމުގެ ސަބަބުން، މަސްވެރިކަމުން ދިވެހި އިޤްތިޞާދަށް ލިބެން އޮތް މަންފާ އެކަށީގެންވާ ގޮތަށް ލިބިފައި ނުވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް އެ ހާލަތު ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ގިނަ މަސައްކަތްތަކެއް ފައްޓަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މަސްވެރި ސިނާއަތުގެ ތަރައްގީއަށް އެންމެ ބޮޑެތި މަސައްކަތްތަކެއް މިކުރެވެނީ މި ސަރުކާރުން. އެކަމަށް އެންމެ ބޮޑު ހޭދައެއް މިކުރަނީ މި ސަރުކާރުން. ގާތްގަނޑަކަށް އަގުކުރާކަމަށްވާނަމަ، ފަސް ވަރަކަށް ބިލިއަން ރުފިޔާއަށްވުރެ ގިނަ ކެޕިޓަލް އިންވެސްޓުމެންޓު ސަރުކާރަށް އެބަކުރެވޭ،" ވަޒީރު ވިދާޅުވިއެވެ.

ކޯލްޑް ސްޓޮރޭޖުގެ މުހިއްމުކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އެކަށީގެންވާ އަދަދަކަށް މަސް ރައްކާކުރެވޭނެ ޤާބިލުކަން ހުރިނަމަ، ބޭރުގެ ބާޒާރުން މަހަށް ރަނގަޅު އަގު ލިބެންދެން މަސް ބޭރުނުކޮށް ބަހައްޓައިގެން މަސްވެރިންނަށް އެންމެ ރަނގަޅު އާމްދަނީއެއް ހޯދައިދިނުމަށް މަގުފަހިވާނެ ކަމަށެވެ.

"މޫސުމީ މަސްވެރިކަމެއްގައި ކޯލްޑް ސްޓޮރޭޖު ކެޕެސިޓީ ނެތީމާ މިޖެހެނީ ބޭރުގައި ހުރި އަގެއްގައި ބޭރުކުރަން. މިއަދު އަޅުގަނޑުމެންނަށް އެނގޭ މިއަދު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯލްޑް ސްޓޮރޭޖުތައް ގާއިމުކުރަމުން މިދަނީ،" ޝިޔާމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، މިފްކޯގެ ފެސިލިޓީތަކާއި އަމިއްލަ ފަރާތްތަކުގެ ފެސިލިޓީތަކާއި މަސްކިރުވާ އުޅަނދުފަހަރު ހިމެނޭހެން މުޅި ރާއްޖޭގައި މަސް ރައްކާކުރުމުގެ ޤާބިލުކަން ހުރީ ޖުމްލަ 9،500 މެޓްރިކް ޓަނަށެވެ. މިއީ މޫސުމީ މަސްވެރިކަމަށް ބަލާއިރު ކުޑަ އަދަދެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ހއ. އިން ފެށިގެން އައްޑޫއާ ހަމައަށް މިހާރު ކޯލްޑް ސްޓޮރޭޖު ނެތް ސަރަހައްދުތަކުގައި ކޯލްޑް ސްޓޮރޭޖު ޤާއިމުކުރުމާއެކު، މިހާރު ހުރި ތަންތަނުގެ ޖާގަ ވެސް އިތުރުކުރުން ކަމަށާއި، އެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މަސައްކަތްތައް ނިމުމުން، ރާއްޖޭގެ މަސްވެރިކަމުގެ ތަބީޢަތާއި މަސް ކިރުވާ މިންވަރާއި ރާއްޖެއަށް ލިބިފައިވާ މަހުގެ ކޯޓާއަށް ބަލާއިރު، އިތުރު ކޯލްޑް ސްޓޮރޭޖެއް ޤާއިމުކުރަން ނުޖެހޭނެ ކަމަށް ވަޒީރު ވަނީ ޔަޤީންކަން ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު