Saturday, November 21
މިއަހަރުގެ ބޮޑު ދަރަނި އަދާކުރެވުނީ ކުރިއާލައި ރޭވުނީތީ: މިނިސްޓަރު ޒަރީރު

މިއަހަރު އަދާކުރަންޖެހުނު ބޮޑު ދަރަނި އަދާކުރެވުނީ ކުރިއާލައި ކަންކަން ރާވައި، ހަރުދަނާ ގޮތެއްގައި ތައްޔާރުވެވުނީތީ ކަމަށް މާލީ ކަންކަމާއި ދައުލަތުގެ ވިޔަފާރިތަކާ ބެހޭ މިނިސްޓަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި "ހަފުތާ 156" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރާ ހަވާލުވުމުގެ ކުރިން އިންތިގާލީ މަރުހަލާގައި ޤައުމުގެ މާލީ އަދި އިޤްތިޞާދީ ހާލަތު ވަޒަންކުރި ޓީމުގައި އޭނާ އިސްކޮށް މަސައްކަތްކުރެއްވި ކަމަށާއި، އެއިރުވެސް މިއަހަރަކީ ދަރަނި އަދާކުރުމަށް އާދަޔާ ހިލާފު ބޮޑު ހަރަދެއް ކުރަންޖެހޭނެ އަހަރެއްކަން ފާހަގަކުރެވުނު ކަމަށެވެ.

އިންތިގާލީ މަރުހަލާގައި ހުށަހެޅި ޕްރެޒެންޓޭޝަނުގައިވެސް މިއަހަރު 12 ބިލިއަނެއްހާ ރުފިޔާގެ ދަރަނި އަދާކުރަންޖެހޭނެކަން ފާހަގަކޮށްފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުން ފެށިގެން އެންމެ ބޮޑަށް ސަމާލުކަން ދެއްވި މަސައްކަތަކީ 2026 ގައި އަދާކުރަންޖެހޭ ސުކޫކުގެ 500 މިލިއަން ޑޮލަރުގެ ދަރަނި ދެއްކޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ސުކޫކުގެ ޕޭމަންޓުގެ ގޮތުގައި 500 މިލިއަން ޑޮލަރު ދައްކަންޖެހުނުއިރު އެ ފައިސާގެ ބޮޑު ބައެއް ސޮވެރިން ފަންޑުން ހަމަޖެހުނު ކަމަށް ވަޒީރު ވިދާޅުވިއެވެ. އޭޕްރީލުގައި 500 މިލިއަން ޑޮލަރު ދެއްކިއިރު ސޮވެރިން ފަންޑުގައި 350 މިލިއަން ޑޮލަރު ހުރި ކަމަށާއި، ބާކީ އަދަދު ރިޒާވުގެ ތެރެއިން ދެއްކޭނެ އިންތިޒާމު ކުރިން ރާވާފައި ހުރި ކަމަށް ވެސް ވިދާޅުވިއެވެ.

ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވު އިތުރުކުރުމަށް ވެސް ޚާއްޞަ ސަމާލުކަމެއް ދެވިފައިވާ ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން މިއަހަރުގެ އޭޕްރީލު މަހާ ހަމައަށް ރިޒާވު 1.3 ބިލިއަން ޑޮލަރަށް އަރައި، ފަހުގެ ތާރީޚުގައި ރިޒާވުގައި އެންމެ ގިނަ ފައިސާ ރައްކާކުރެވުނު ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިއަހަރު އިތުރު 100 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށާއި، ދާދިފަހުން ޓީބިލަށް ދެއްކި 50 މިލިއަން ޑޮލަރު ވެސް ދެއްކީ ސޮވެރިން ފަންޑުގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި ބޮޑެތި ދަރަނިތައް އަދާކުރިއިރު ދައުލަތުގެ މުވައްޒަފުންނަށް މުސާރަ ދިނުމާއި ސަރުކާރުން ފޯރުކޮށްދޭ ސަބްސިޑީތަކާއި އެހެނިހެން އެހީތައް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެއްވެސް ތާށިކަމެއް ނާދޭ ކަމަށާއި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ފަތުރުވެރިން އައުން ދަށްވެ، ތެލުގެ އަގު ބޮޑުވެ ހަރަދުތައް އިތުރުވި ނަމަވެސް ކަންކަން މެނޭޖުކުރެވުނު ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ ބަޖެޓުގައި ހިމެނޭ މަޝްރޫޢުތައް ހަލުވިކަމާއެކު ނިންމުން ކަމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު 3،000 އަށް ވުރެ ގިނަ މަޝްރޫޢު ކުރިއަށްދާއިރު، އޭގެ ތެރެއިން 70 އިންސައްތަ މަޝްރޫޢު އެއްކޮށް ނިންމުމަށް އެންމެ ބޮޑު އިސްކަމެއް ދޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 8.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އޭގެ ތެރެއިން 3.07 ބިލިއަން ރުފިޔާ ހިމަނާފައިވަނީ އިޤްތިޞާދީ ތަރައްޤީގެ އަސާސީ ވަސީލަތްތައް ގާއިމުކުރުމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު