މާލޭ ބާޒާރުގައި ތަރުކާރީ ވިއްކާ ބައެއް ފިހާރަތަކުން ކެރެޓު ކިލޯއެއް މިހާރު ވިއްކަމުން ދަނީ 100 ރުފިޔާއަށްވުރެ ބޮޑު އަގެއްގައެވެ.
އާންމު ގޮތެއްގައި މާލޭ ބާޒާރުގައި ކެރެޓު ކިލޯއެއް ލިބެމުން އައީ 25 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ކަމަށް މަޢުލޫމާތު ލިބެއެވެ.
އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލުން ދައްކާ ގޮތުގައި، ބައެއް ފިހާރަތަކުން ކެރެޓު ކިލޯއެއް ލިބެނީ 25 ރުފިޔާއާއި 66 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އެސްޓީއޯ ސުޕަމާޓުން ކެރެޓު ކިލޯއެއް މިހާރު ވިއްކަމުން ދަނީ 20 ރުފިޔާއަށް ކަމަށާއި، މާލޭގައި ކެރެޓު އެންމެ އަގުހެޔޮކޮށް ލިބެނީ އެ ސުޕަމާޓުން ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ނިމުނު އޮކްޓޫބަރު މަހު، މާލޭގައި ތަކެތީގެ އަގު މިދިޔަ އަހަރުގެ އޮކްޓޫބަރާ އަޅާބަލާއިރު 9 ޕަސެންޓް އުފުލިފައިވާ ކަމަށް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ. މަހުން މަހަށް ބަލާއިރު، ތަކެތީގެ އަގު 1.01 ޕަސެންޓް އިތުރުވެފައިވެއެވެ.
ރާއްޖެއަކީ ކާބޯތަކެތި ގެނައުމަށް އިމްޕޯޓަށް ބަރޯސާވާ ޤައުމަކަށް ވާތީ، ބައިނަލްއަޤްވާމީ ބާޒާރުގައި އަންނަ ބަދަލުތަކުގެ އަސަރު ރާއްޖޭގެ އަގުތަކަށް ބޮޑަށް ކުރެއެވެ.






