Saturday, November 21
ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުށީގެ ވައި ނުސާފުވެއްޖެ

މާލެއާއި ކުޅުދުއްފުށީ ސިޓީއަށް މިއަދު ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައި ނުސާފުވެއްޖެއެވެ.

ވައިގެ ފެންވަރު ވަޒަންކުރާ އެއާ ކޮލިޓީ އިންޑެކްސްއިން ދައްކާ ގޮތުގައި، މިއަދު މާލޭގެ ވައިގެ ކޮލިޓީ ހުރީ 159 ގައެވެ. ވިލިމާލޭގެ ވައިގެ ކޮލިޓީ ހުރީ 160 ގައި ކަމަށާއި، މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ ހދ. ކުޅުދުއްފުށީ ސިޓީގައި ކަމަށް މައުލޫމާތު ލިބެއެވެ.

އާންމު ގޮތެއްގައި ވައިގެ ފެންވަރު އެންމެ ރަނގަޅު ކަމަށް ބެލެވެނީ އިންޑެކްސް 50 އަށްވުރެ ދަށުގައި ހުންނަ ނަމައެވެ. 51 އާއި 100 އާ ދެމެދަކީ މޮޑަރޭޓް ލެވަލް ކަމަށާއި، 101 އާއި 150 އާ ދެމެދަކީ ވައިގެ ފެންވަރު ދަށް މިންވަރެކެވެ. އަދި 151 އާއި 200 އާ ދެމެދަކީ ސިއްހަތަށް ނުރައްކާވާ މިންވަރެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފޯރަމުންދާ ދުންފިނީގެ އަސަރު ކުރިއަށް އޮތް ފަސް ދުވަހު ވެސް ދެމިގެންދާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ވައި ނުސާފުވެފައިވާ ދުވަސްވަރު، ނޭވާލާ ނިޒާމުގެ ބަލިތަކާއި އެލާޖީގެ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު