ރަސްމާލޭގައި ހިންގަން ރާވާފައިވާ ރެޒިޑެންސީ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ކުރިން، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީގެ ޗެއާޕަރސަން، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސްއާ ގުޅިގެން ފުށިދިއްގަރުފަޅުގައި ސަރުކާރުން ހިންގަން ނިންމާފައިވާ މި މަޝްރޫޢާ މެދު ރައްޔިތުން ކަންބޮޑުވެފައިވަނީ، މައުލޫމާތު ނުލިބި ވާނުވާ ނޭނގޭތީ ކަމަށެވެ.
"ސަރުކާރުން ފެންނަ ނުފެންނަ ވޯޓެއް ނުނަގައި މި މަޝްރޫޢު ކުރިއަށްގެންދަނީ ނަމަ، އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް ލިބިދާނެ ވަރަށް ބޮޑު ގެއްލުމެއް،" ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ ރުހުމާއި ތާއީދު ނެތި ވެރިންނަށް ފެންނަ ތަސައްވުރުތައް ކުރިއަށް ގެންދިއުމުން، އެފަދަ ކަންކަން ނާކާމިޔާބުވާނެ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ 5 ވަނަ ކޮންގްރެސްގައި ފާސްކުރި ސިޔާސަތުތަކުގެ ތެރޭގައި، ބޮޑެތި ކަންކަން ހިންގުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުން ހިމެނޭ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގައި އަޑުއުފުލުމަށް، މި މަހުގެ 26 ވަނަ ދުވަހު މަގުމައްޗަށް ނުކުމެ މުޒާހަރާކުރަން އެމްޑީޕީން ނިންމާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.






