ކްރޮސްރޯޑްގެ އިރުމަތީ ފަރާތުގައި އޮންނަ ފިނޮޅެއް ކައިރީގައި، 11 ދިވެހިންނާއެކު މަހަށް ގޮސް އުޅުނު ޑިންގީއެއް ދިޔަވަމުންދިޔައިރު، އެ ޑިންގީއަށް އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން ބުނީ، މި ހާދިސާގެ މަޢުލޫމާތު ރޭ 20:11 ހާއިރު ލިބުމާއެކު، ކޯސްޓްގާޑުގެ ސެކަންޑް ސްކޮޑްރަންގެ "ހާބަރކްރާފްޓް 113" ލޯންޗު، ޑައިވަރުންނާއި ޕަންޕާއެކު އެ ސަރަހައްދަށް ގޮސްފައިވާ ކަމަށެވެ.
ކޯސްޓްގާޑުގެ ޑައިވަރުން ޑިންގީ ބެލިބެލުމުން، ޑިންގީގެ ބޭރުން އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަން ފާހަގަކުރެވުނު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެހެންކަމުން، ޑިންގީން ފެން ހިއްކުމަށްފަހު ތިން މީހުންނާއެކު ޑިންގީ ހުޅުމާލެއަށް ދަތުރުކުރިއިރު، ޑިންގީގައި ތިބި 7 އަންހެނުންނާއި 7 އަހަރުގެ ކުޑަކުއްޖާ، ރޭ 21:30 ހާއިރު ކޯސްޓްގާޑުގެ ސިފައިން ސަލާމަތްތެރިކަމާއެކު ހުޅުމާލެއަށް ގެންގޮސްދީފައިވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.






