ހއ. ބާރަށު ސްކޫލުގައި ބާއްވާ "ނަޞްރުގެ ދުވަހުގެ ސިފައިންގެ މައުރަޒު" ހުޅުވައިފިއެވެ.
1988 ނޮވެންބަރު 3 ގެ ޢުދުވާނީ ހަމަލާގައި ޝަހީދުވި، ޝަހީދު އަލްމަރްޙޫމް އިބްރާހީމް ޙުސައިން ނިސްބަތްވާ ރަށް ކަމަށްވާ ބާރަށުގައި މި މައުރަޒު ހުޅުއްވައިދެއްވީ މާލެ އޭރިއާ ކޮމާންޑުގެ ކޮމާންޑަރ، އިސްމާޢީލް ނަޞީރެވެ.
މި މައުރަޒު ޚާއްޞަކޮށްފައިވަނީ ޢުދުވާނީ ހަމަލާގައި ޝަހީދުވި ޝަހީދުންގެ ޒިކުރާއާއި ދިވެހިންނަށް ލިބުނު ނަޞްރާއި ކާމިޔާބީއަށެވެ. ހަމަލާ ފެށި ވަގުތުން ފެށިގެން ނަޞްރު ލިބުމާ ހަމައަށް ހިނގައިދިޔަ ކަންތައްތައް ވަގުތު ފީތާއެއްގެ ގޮތުގައި ސިފަކޮށްލެވޭނެހެން، އެ ދުވަހުގެ ފޮޓޯތަކާއި ކުރެހުންތަކާއި، އަޑާއި މަންޒަރާއި ލިޔުންތައް މައުރަޒުގައި ވަނީ ހިމަނާފައެވެ.
އާންމުންނަށް ހުޅުވާލާފައިވާ މި މައުރަޒު ކުރިއަށްދާނީ ނޮވެންބަރު 21 ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށާއި، ރޭގަނޑު 20:00 އިން 22:00 އަށެވެ.
މައުރަޒު ބޭއްވުމަށް ބާރަށު ކައުންސިލުން ދެއްވި އެހީތެރިކަމުގެ އަގުވަޒަންކޮށް، އެމްއެންޑީއެފުން އެ ކައުންސިލަށް ހަނދާނީ ފިލައެއް ވެސް ވަނީ އަރުވާފައެވެ. ކައުންސިލުގެ ރައީސް ޢަލީ ޝަމީމަށް ފިލާ ހަވާލުކޮށްދެއްވީ އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލްސް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ، ކާނަލް މުޙައްމަދު ނާޒިމެވެ.
ހުޅުވުމުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ސިފައިންނާއި، ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ޝުޖާޢު، ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ރައްޔިތުންނާއި ސްކޫލުގެ ދަރިވަރުން ބައިވެރިވިއެވެ.






