ލ. ފޮނަދޫއާއި ތ. ތިމަރަފުށީގައި ޓޫރިސްޓް ހޮޓާ ތަރައްޤީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.
އެ މިނިސްޓްރީން އިއްޔެ ކުރި އިޢުލާނުތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، ތިމަރަފުށީގައި ހޮޓަލެއް ތަރައްޤީކޮށް ހިންގުމަށް ދޫކުރަނީ 26،480.67 އަކަމީޓަރުގެ ބިމެކެވެ.
މީގެ އިތުރުން، ފޮނަދޫގައި ޓޫރިސްޓް ހޮޓާތައް ތަރައްޤީކޮށް ހިންގުމަށް އެ ރަށުން ވަނީ ތިން ބިމެއް ހުޅުވާލާފައެވެ.
މި މަޝްރޫޢުތަކާ ގުޅޭ މަޢުލޫމާތު ދިނުމަށް ދެ ބައްދަލުވުމެއް ބާއްވާނެއެވެ. އެ ބައްދަލުވުންތައް ބާއްވާނީ ޑިސެމްބަރު 1 އަދި ޑިސެމްބަރު 17 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.
ދެ މަޝްރޫޢުގެ ވެސް ބީލަމުގެ ލިޔެކިޔުންތައް އަންނަ އާދިއްތަ ދުވަހުން ފެށިގެން ޖަނަވަރީ 6 ވަނަ ދުވަހާ ހަމައަށް، 09:00 އިން 13:00 އާ ދެމެދު ލިބެން ހުންނާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ އިޢުލާނުގައި ވަނީ ބުނެފައެވެ.






