Friday, November 20
ހުޅުމާލޭގެ ކުނިގޮނޑުގައި ރޯވި އަލިފާން އަދިވެސް ނިއްވާނުލެވޭ

ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ކުނި ޖަމާކޮށްފައި ހުރި ސަރަހައްދެއްގައި މިއަދު މެންދުރު ރޯވި އަލިފާން ކޮންޓްރޯލްކޮށްފައިވީ ނަމަވެސް، އަދިވެސް އެއްކޮށް ނިއްވާނުލެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިރޭ 20:05 ގައި މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، އަލިފާން އެއްކޮށް ނިއްވާލުމުގެ މަސައްކަތް އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން އަދިވެސް ކުރަމުންދާ ކަމަށެވެ.

އެމްއެންޑީއެފްއިން ހާމަކުރި ގޮތުގައި، އަލިފާން ކޮންޓްރޯލްކުރެވުނީ ހަވީރު 15:59 ހާއިރެވެ. ނަމަވެސް އޭގެ ފަހުން ވެސް އެ ސަރަހައްދުން ދަނީ ދުން އަރަމުންނެވެ. އަދި ބައެއް ވަގުތުތަކުގައި އަލިފާން ވެސް ފެންނަމުންދެއެވެ.

އެ ސަރަހައްދުގައި މިހާރު އެކްސްކަވޭޓަރު ބޭނުންކޮށްގެން ކުނިތައް ހާވައި، އަލިފާނުގެ އަސަރު ހުރި ތަންތަނަށް ފެން ޖަހަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

ދުމުގެ އަސަރުން ރައްކާތެރިވުމުގެ ގޮތުން ހިޔާ އަދި ވިނަރެސް ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކުން ހުރިހާ ކުޑަދޮރުތަކެއް ލައްޕާފައި ބެހެއްޓުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ އިލްތިމާސްކޮށްފައެވެ. އެ ސަރަހައްދު އާންމު ހާލަތަށް ގެނައުމަށް ކަމާބެހޭ އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުނެފައިވެއެވެ.

ދުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކަށް ޒަރޫރީ ބޭނުމަކަށް ނޫނީ ނުނިކުތުމަށާއި، ނިކުންނަނަމަ އަނގައާއި ނޭފަތް ނިވާކޮށްގެން ނިކުތުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސްކޮށްފައެވެ. ނޭވާ ކުރުވުން، ގަދަޔަށް ކެއްސުން އަދި ބޯ އެނބުރުން ފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްޙީ އެހީތެރިކަން ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ފުލުހުން ބުނެފައިވަނީ މި ހާދިސާގައި އެއްވެސް މީހަކަށް ނުވަތަ މުދަލަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު