Friday, November 20
ރައީސް އަންނަ މަހު ބަންގްލަދޭޝަށް ވަޑައިގަންނަވާނެ ކަމަށް އެ ޤައުމުގެ ނޫސްތަކުން ބުނެފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަންނަ މަހު ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައިވާ ކަމަށް އެ ޤައުމުގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޑެއިލީ ޓައިމްސް އޮފް ބަންގްލަދޭޝް"ގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދަތުރުފުޅަކީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤް ރަޙްމާންގެ ދަޢުވަތަކަށް ރައީސް ކުރައްވާ ދަތުރުފުޅެކެވެ. ތިން ދުވަހުގެ މި ދަތުރުފުޅަށް ރައީސް އެ ޤައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 13 ގައި ކަމަށް ވެސް އެ ނޫހުގައި ވެއެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އޮތް ސިޔާސީ ގުޅުމާއި ދެ ޤައުމުގެ ވެރިންގެ މެދުގައި އޮތް ގުޅުން ވަރަށް ބަދަހިއެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވާނެ ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި ބަންގްލަދޭޝްގެ 100،000 އަށްވުރެ ގިނަ މަސައްކަތްތެރިން ތިބުމާއެކު، ބަންގްލަދޭޝުން ދެކޭ ގޮތުގައި ރާއްޖެއަކީ ދެކުނު އޭޝިއާގެ ސަރަހައްދުގައި ވަރަށް މުހިންމު ބައިވެރިއެކެވެ.

މި ދަތުރުފުޅުގެ ތެރެއިން މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތްކުރުމާއި ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމުގެ އިތުރުން، ދެ ޤައުމުގެ ގުޅުން ފުޅާ ދާއިރާއެއްގައި ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވޭނެ ކަމަށް ވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވެސް ދެ ދުވަހުގެ ދަތުރުފުޅެއްގައި ޑިސެމްބަރު 7 ގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ވަޑައިގަތުމަށް ތާވަލުކޮށްފައިވާ ކަމަށް އެ ނޫހުގައި ވެއެވެ.

ނަމަވެސް، މި ރިޕޯޓުތަކާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން މިހާތަނަށް އެއްވެސް މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުޢިއްޒު މީގެ ކުރިން ބަންގްލަދޭޝަށް ރަސްމީ ދަތުރުފުޅެއް ކުރެއްވީ މި އަހަރުގެ ފެބުރުއަރީ 16 އިން 18 އަށެވެ. އެއީ އެ ޤައުމުގެ އައު ސަރުކާރު ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރު 22 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު