ރައްޔިތުންނަށް އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމަށާއި ފްލެޓް ގަތުމަށް ސަރުކާރުން ފެށި "ހިޔާވަހި" ފައިނޭންސިންގ ސްކީމްގެ ދަށުން މިހާތަނަށް 245 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އިސްލާމިކް ފައިނޭންސިންގ އުޞޫލުން ދޫކުރާ މި ސްކީމަށް 2،256 ފަރާތަކުން ކުރިމަތިލި އިރު، އޭގެ ތެރެއިން ޝަރުޠު ހަމަވި 840 ފަރާތަކަށް ޖުމްލަ 1 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ދޫކުރުމަށް ވަނީ ބޭންކަށް ފޮނުވާފައެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، ޝަރުޠު ހަމަވި ފަރާތްތަކުގެ ތެރޭގައި ފަހިމާލެ ކެޓަގަރީން 40 ފަރާތާއި، ސަހަރު ކެޓަގަރީން 438 ފަރާތާއި، ރަށްވެހި ކެޓަގަރީން 362 ފަރާތް ހިމެނެއެވެ.
މީގެ އިތުރުން، ބޭންކް މެދުވެރިކޮށް ގެދޮރު އެޅުމަށް ނަގާ ލޯނުތަކުގެ އިކުއިޓީ 20 އިންސައްތައިން 5 އިންސައްތައަށް ސަރުކާރުން ވަނީ ކުޑަކޮށްފައެވެ. އަދި އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ސަރުކާރުން ހިލޭ އިކުއިޓީ ދޭ ޚާއްޞަ ސްކީމެއްވެސް ވަނީ ތަޢާރަފްކޮށްފައެވެ.
2027 ވަނަ އަހަރު ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް 3 ބިލިއަން ރުފިޔާ ޚާއްޞަކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ސަރުކާރުން ސީދާ ހިންގާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އިތުރުން، އަމިއްލަ ބިމުގައި ގެދޮރު ބިނާކުރަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތަޢާރަފްކުރެވޭ ސްކީމްތަކަށް ކަނޑައެޅިފައިވާ ފައިސާ ހިމެނެއެވެ.
5 އަހަރުގެ މި ރިޔާސީ ދައުރު ނިމޭއިރު، ބޯހިޔާވަހިކަމުގެ ކޮންމެވެސް ސްކީމަކުން ގެދޮރުވެރިކަން ކަށަވަރުނުވާ އެއްވެސް ރައްޔިތަކު ނުހުންނާނެކަން ކަށަވަރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެންމެ މުހިންމު އެއް ވަޢުދުފުޅެވެ.






