ކުޑަކުދިން އެދޭ ފަދަ އަމާން އަދި އުޖާލާ މުސްތަޤްބަލެއް ބިނާކުރުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައެވެ. އެ މެސެޖުގައި، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށް، އެކުދިންގެ ދިރިއުޅުމާ ގުޅޭ ނިންމުންތަކުގައި އެކުދިންގެ އަޑު ހިމެނުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި، އަނިޔާއިން ކުދިން ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، އާއިލީ މާޙައުލުގައި ކުދިން ބެލެހެއްޓުމުގެ ފުރުޞަތު ފުޅާކުރުމާއި، ޞިއްޙީ ޚިދުމަތްތަކާއި، އެންމެން ޝާމިލުވާ ތަޢުލީމާއި، ތެރަޕީގެ ޚިދުމަތްތައް ކުރިއެރުވުމަށް، ކުދިން ބޮޑުވަމުން އަންނަ ކޮންމެ މަރުޙަލާއަކަށް ބޭނުންވާ ސިޔާސަތުތައް ރާއްޖެއިން ތަންފީޛުކުރަމުން ދާނެ ކަމަށެވެ.
ދުންފަތުގެ ބޭނުން ކޮންޓްރޯލްކުރުމަށް ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއި، ޑިޖިޓަލް ވެށީގެ ނުރައްކަލުން ކުދިން ސަލާމަތްކުރުމަށް އަޅަމުންދާ ފިޔަވަޅުތަކަކީ، ކުދިންގެ ދުޅަހެޔޮކަމަށް ސަރުކާރުން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަންކަން ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.
ނަމަވެސް ޙަޤީޤީ ކުރިއެރުމެއް ލިބޭނީ ހަމައެކަނި ކުދިންނަށް އަމާޒުކޮށް ސިޔާސަތުތައް އެކުލަވާލުމުން ނޫން ކަމަށާއި، އެކުދިންގެ ތަޖުރިބާތަކަށް އަޑުއަހައި، އެކުދިންގެ ޚިޔާލަށް އިޙްތިރާމްކޮށް، އެކުދިންނަށް ލިބެން އޮތް މުސްތަޤްބަލު ބިނާކުރުމުގައި އެކުދިން ބައިވެރިކުރުވުން މުހިންމު ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮންމެ ދިވެހި ކުއްޖަކަށްވެސް އުފާވެރި، އަމާން އަދި އުޖާލާ މާދަމައެއް ކަށަވަރުކޮށްދިނުމުގައި ސަރުކާރު ސާބިތުވެ ދެމިއޮންނާނެ ކަމުގެ ޢަޒުމް ވެސް ރައީސް އައުކުރެއްވިއެވެ.






