Friday, November 20
އަޚުލާޤީ ރިވެތި ސިފަތައް ނެތްނަމަ އެއީ ޙަޤީޤީ ކުރިއެރުމެއް ނޫން: ޚުޠުބާ

މުސްލިމުން ތަޢުލީމާއި ޞިއްޙަތާއި ޓެކްނޮލޮޖީ އަދި އިޤްތިޞާދީ ގޮތުން ކިތަންމެ ކުރިއެރި ނަމަވެސް، އަޚުލާޤީ ރިވެތި ސިފަތައް ނެތްނަމަ އެއީ ޙަޤީޤީ ކުރިއެރުމެއް ކަމުގައި ނުބެލެވޭނެ ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

"އިސްލާމްދީނަކީ ރިވެތި އަޚުލާޤުގެ ދީން" މި މައުޟޫޢަށް މިއަދު ރާއްޖޭގެ މިސްކިތްތަކުގައި އިއްވި ޚުޠުބާގައި ބަޔާންކޮށްފައިވަނީ، މުޖުތަމަޢެއް ރިވެތި އަޚުލާޤުން ޒީނަތްތެރިވެފައި އޮތުމަކީ ތަހުޒީބީ ގޮތުން ޤައުމެއް ކުރިއަރާފައިވާކަމުގެ އެންމެ ފުރިހަމަ ނިޝާން ކަމަށެވެ.

ކީރިތި ރަސޫލާ ﷺ ރަސޫލުކަމާއިގެން ފޮނުއްވުމުގެ މައިގަނޑު މަޤްޞަދަކީ ރިވެތި އަޚުލާޤު ފުރިހަމަކުރެއްވުން ކަމަށާއި، ރިވެތި ޚުލްޤުގެ ސަބަބުން ރޭއަޅުކަންކޮށް ސުންނަތް ރޯދަ ހިފުމުގައި ދެމިހުންނަ މީހެއްގެ ދަރަޖަ ލިބޭނެ ކަމަށް ވެސް ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ.

ދުނިޔޭގެ ޙަޔާތަކީ ޞިއްޙަތާއި ބަލިމަޑުކަން، ތަނަވަސްކަމާއި ދަތިހާލު، އަދި އަމާންކަމާއި ބިރުވެރިކަން ފަދަ ތަފާތު ގޮތްގޮތަށް އިންސާނާ އިމްތިޙާނުކުރެއްވޭ ތަނެއް ކަމަށާއި، މިފަދަ ކޮންމެ ޙާލަތެއްގައިވެސް މުއުމިނުން އިސްކުރަންޖެހޭނީ ކެތްތެރިކަމާއި ރިވެތި އަޚުލާޤު ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

އެގޮތުން، ދަތިހާލެއް ނުވަތަ ބަނޑުހައިހޫނުކަމެއް ކުރިމަތިވި ނަމަވެސް، އެހެން މީހުން ބުރަ މަސައްކަތުން ހޯދާފައިވާ މުދާ ފޭރުމާއި ވައްކަންކުރުމަކީ އިސްލާމްދީން ހުއްދަކުރާ ކަމެއް ނޫން ކަމަށާއި، ބައެއް މުސްލިމުންގެ ފަރާތުން ފެންނަ މިފަދަ ޢަމަލުތަކުގެ ސަބަބުން އިސްލާމްދީނާ މެދު އެހެން މީހުން ޝައްކުގެ ނަޒަރަކުން ދުށުމަށް މަގުފަހިވެދާނެ ކަމަށް ޚުޠުބާގައި ބުނެފައިވެއެވެ.

ޚުޠުބާ ނިންމާލާފައިވަނީ، މުސްލިމުންގެ ފަޚުރުވެރި މާޒީގައި ފައިދާހުރި ޢިލްމާއި ފަންނުތަކުގައި ކުރިއަރައިދިޔަ ފަދައިން، މިއަދުވެސް އަޚުލާޤީ ގޮތުން ކުރިއަރައިދިއުމަށް މަސައްކަތްކުރުމަށް ގޮވާލަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު