Friday, November 20
ޖަރާސީމު ނައްތާލާ ބޭސްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ފަސްޓް ލޭޑީ ގޮވާލައްވައިފި

ޖަރާސީމު ނައްތާލާ ބޭސްތަކަށް ޖަރާސީމު ނުގުޑުމުގެ މައްސަލައަކީ ދުނިޔެއަށް ކުރިމަތިވަމުން އަންނަ ނުރައްކަލެއްކަން ފާހަގަކުރައްވައި، އެންޓިބަޔޮޓިކް ފަދަ ބޭސްތައް ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފިއެވެ.

އެކަމަނާ މިހެން ގޮވާލެއްވީ، މިއަހަރުގެ "ވޯލްޑް އެންޓިމައިކްރޯބިއަލް އެވެއާނަސް ވީކް" އާ ގުޅިގެން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

ފަސްޓް ލޭޑީ ފާހަގަކުރެއްވި ގޮތުގައި، ޖަރާސީމު ނައްތާލާ ބޭސްތަކަށް ނުގުޑުމުގެ މައްސަލަ (އޭ.އެމް.އާރް) ގެ ސަބަބުން އިންސާނުންނާއި ޖަނަވާރުންގެ ސިއްހަތަށް ނުރައްކާ ކުރިމަތިވުމުގެ އިތުރުން، ދަނޑުވެރިކަމާއި މުޅި ތިމާވެށްޓަށް ވެސް އޭގެ ނޭދެވޭ އަސަރު ފޯރަމުންދެއެވެ.

ބޭހަކީ އިންސާނުންގެ ފުރާނަ ސަލާމަތްކޮށްދޭ މުހިންމު އެއްޗެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ، ޖަރާސީމު ނައްތާލާ ބޭސްތަކުގެ އަސަރު ކެނޑިގެންދާ ހިނދު، އާދައިގެ ބަލިތަކަށް ވެސް ފަރުވާކުރުން ދަތިވެ، އޭގެ ނުރައްކާ ދުވަހުގެ ދިރިއުޅުމަށް ކުރިމަތިވާނެ ކަމަށެވެ.

އަންނަން އޮތް ޖީލުތަކަށް ދުޅަހެޔޮ އަދި އަމާން މުސްތަޤުބަލެއް ކަށަވަރުކޮށްދިނުމަށްޓަކައި، ޒިންމާދާރުކަމާއެކު ބޭސްތައް ބޭނުންކޮށް، ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ އުސޫލުތައް ކުރިއެރުވުމާއި ތިމާވެށި ރައްކާތެރިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، "ވަން ހެލްތު" ގެ އުސޫލު ފެތުރުމަށް ބާރުއަޅުއްވައި، މިހާރުން މިހާރަށް ފިޔަވަޅު އެޅުމުގެ މުހިންމުކަން ވެސް ފަސްޓް ލޭޑީ ފާހަގަކުރެއްވިއެވެ.

ވޯލްޑް އެންޓިމައިކްރޯބިއަލް އެވެއާނަސް ވީކް އަކީ ޖަރާސީމު ބޭހަށް ނުގުޑުމާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް ކޮންމެ އަހަރަކު ނޮވެމްބަރު 18 އިން 24 އަށް ފާހަގަކުރާ ބައިނަލްއަޤްވާމީ ހަފްތާއެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު