ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ ގުޅޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު 565 މިލިއަން ރުފިޔާއަށް ކުޑަކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
ސަރުކާރަށް ތިން އަހަރު ފުރުމުގެ މުނާސަބަތުގައި ވުޒާރާއިން ހާމަކުރި މައުލޫމާތުގައިވާ ގޮތުގައި، 17 ނޮވެންބަރު 2023 ގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ބިދޭސީންނާ ގުޅޭ ފީއާއި ޖޫރިމަނާގެ ގޮތުގައި ދައުލަތަށް ނުލިބި 1.7 ބިލިއަން ރުފިޔާ އޮތެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެ އަދަދު މިހާރު ވަނީ 565 މިލިއަން ރުފިޔާއަށް ދަށްކުރެވިފައެވެ.
ބިދޭސީންގެ ފީއާއި ޖޫރިމަނާގެ ގޮތުގައި ނުލިބި ހުރި ފައިސާ ހޯދުމުގެ މަސައްކަތް ސަރުކާރުން ފެށީ 2024 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.
މި ފައިސާ ހޯދުމަށްޓަކައި ނިޒާމަށް މުހިންމު ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭގެ ތެރޭގައި ގަވާއިދުން ފީ ނުދައްކާ ފަރާތްތަކަށާއި ޖޫރިމަނާ ފައިސާ ނުދައްކާ ހުންނަ ފަރާތްތަކަށް "އެކްސްޕެޓް ސިސްޓަމް" މެދުވެރިކޮށް ދެމުން އައި ހިދުމަތްތައް ވަގުތީ ގޮތުން މެދުކަނޑާލުން ހިމެނެއެވެ. އަދި ބޮޑެތި އަދަދުތަކުން ޖޫރިމަނާ އަރާފައިވާ ކުންފުނިތަކަށާއި ވަޒީފާދޭ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން، އިންސްޓޯލްމަންޓް އުސޫލުން ބަހާލައިގެން ފައިސާ ދެއްކޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސައިދީފައެވެ.
ވުޒާރާއިން ބުނީ، 31 އޮގަސްޓް 2026 ގެ ނިޔަލަށް 13,987 ފަރާތެއް ސިސްޓަމުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ބިދޭސީން ގެނައުމަށްފަހު އިހުމާލުވާ ފަރާތްތަކަށް، އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50,000 ރުފިޔާއިން ޖޫރިމަނާކުރަން ފަށާފައިވާއިރު، މިހާތަނަށް އެފަދަ 265 މައްސަލައެއް ސިސްޓަމުގައި ރެކޯޑްކޮށް ޖޫރިމަނާކޮށްފައިވާ ކަމަށްވެސް ވުޒާރާއިން ބުންޏެވެ.
މީގެ އިތުރުން، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ފެށި ހަރަކާތުގެ ތެރެއިން، ބިދޭސީ އާބާދީގެ ތެރެއިން ވަނަވަރު ފުރިހަމައަށް ދެނެގަނެވިފައިނުވާ މީހުންގެ ނިސްބަތް އެއް އިންސައްތައިގައި ހިފެހެއްޓިފައިވާ ދުނިޔޭގެ މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިފައިވާ ކަމަށް ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.






