ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ މެންބަރުންގެ އަދަދު 100،000 އިން މައްޗަށް އަރައި، ރާއްޖޭގެ ސިޔާސީ ތާރީޚުގައި އެއް ލައްކަ މެންބަރުން ހަމަކުރި ފުރަތަމަ ޕާޓީއަކަށް ޕީއެންސީ ވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި، މިހާރު ޕީއެންސީގައި 100،083 މެންބަރުން ތިއްބެވެ. 2019 ވަނަ އަހަރުގެ ޖަނަވަރީ 31 ގައި ރަޖިސްޓްރީކުރި ޕީއެންސީއަށް ވުރެ ކުރިން އެއްވެސް ޕާޓީއަކަށް މި އަދަދަށް މެންބަރުން ހަމަކުރެވިފައެއް ނުވެއެވެ.
ޕީއެންސީން ވަނީ ޕާޓީއަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ޚާއްޞަ މަސައްކަތެއްގެ ގޮތުގައި ކުރިއަށް ގެންގޮސްފައެވެ.
އީސީގެ ދަފްތަރުން ދައްކާ ގޮތުގައި، މިހާރު ރާއްޖޭގައި އުފެދިފައިވާ 7 ސިޔާސީ ޕާޓީގައި ޖުމްލަ 178،205 މެންބަރުން ތިބިއިރު، ޕީއެންސީއަށް ފަހު އެންމެ ގިނަ މެންބަރުން ތިބީ 53،747 މެންބަރުންނާއެކު އިދިކޮޅު އެމްޑީޕީގައެވެ.
ޕީއެންސީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެވަނަ ދައުރަކަށް ވާދަކުރެއްވުމަށް، މިދިޔަ ސެޕްޓެމްބަރު މަހު އެ ޕާޓީން ވަނީ އެމަނިކުފާނަށް ރިޔާސީ ޓިކެޓު އަރުވާފައެވެ.






