Friday, November 20
އުންމީދީ ވިސްނުމަކީ ޤައުމެއްގެ ކުރިއެރުމުގެ ފުރާނަ: ރައީސް

ޤައުމެއްގެ ކުރިއެރުމުގެ ފުރާނައަކީ އެ ޤައުމެއްގައި އޮންނަ އުންމީދީ ވިސްނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެ ވާހަކަފުޅުގައި، ރާއްޖޭގެ ތާރީޚުގައި ތަރައްޤީގެ ބޮޑެތި ފިޔަވަޅުތަކާ ދެކޮޅަށް މަދު ބަޔަކު ތެދުވި ނަމަވެސް، ގިނަ ރައްޔިތުން އެ ބަދަލުތަކަށް މަރުޙަބާ ކިޔައި، އޭގެ ފައިދާ މުޅި ޤައުމަށް ލިބިފައިވާކަން ތާރީޚީ ހާދިސާތަކުގެ މިސާލުތަކާއެކު ރައީސް ފާހަގަކުރެއްވިއެވެ.

އެގޮތުން، ދިވެހި ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އަންހެން ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމަށް ކުރެއްވި މަސައްކަތާއި، ރަށްރަށުގައި ފުޅާ މަގުތައް ކެނޑުއްވުމަށް ކުރެއްވި މަސައްކަތަށް ބަޔަކު ދެކޮޅުހެދި ނަމަވެސް، އާޚިރުގައި އޭގެ ފައިދާ ލިބުނީ ރައްޔިތުންނަށާއި މުޅި ޤައުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެހެންމެ، ދެވަނަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނުގެ ޒަޢާމަތުގައި މަސްދޯނިފަހަރުގައި އިންޖީނު އެޅުމަށް ކުރެއްވި މަސައްކަތަށް ވެސް، އިންޖީނުގެ އަޑަށް މަސް ފިލައިގެން ދާނެ ކަމަށް ބުނެ ބަޔަކު އިންކާރުކުރި ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް ޅ. ނައިފަރު "އުންމީދު" ދޯނީގެ ނެވިފަރާތުން އެ ދޯނީގައި އިންޖީނު އެޅުމަށްފަހު، އެތައް އޮޑިވެރިންނެއް އެ މިސާލަށް ތަބާވި ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ފަތުރުވެރިކަން ކުރިއެރުވުމުގެ ފީޒިބިލިޓީ ދެނެގަތުމަށް ބޭރުގެ ތަޖުރިބާކާރުން ހެދި ދިރާސާއެއްގައި، ރަށްތައް ދުރުދުރުގައި އެތުރިފައިވާތީ ދަތުރުފަތުރަށް ހުރި ގޮންޖެހުންތަކާހެދި، ރާއްޖޭގައި މި ޞިނާޢަތް ކާމިޔާބު ނުވާނެ ކަމަށް ނިންމި ނަމަވެސް، ދިވެހިންގެ ތެރެއިން ދެތިން ބޭފުޅަކު އިސްނަންގަވައިގެން ފެއްޓެވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، މިއަދު ފަތުރުވެރިކަމަކީ ދިވެހި އިޤްތިޞާދުގެ އެންމެ ބޮޑު ތަނބުތަކުގެ ތެރޭގައި ހިމެނޭ ޞިނާޢަތަކަށް ވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނުގެ ތަރައްޤީގެ ސިޔާސަތު ބިނާކުރައްވާފައިވަނީ މައިގަނޑު ދެ ނުކުތާއެއްގެ މައްޗަށް ކަމަށެވެ. އެއީ އިސްލާމްދީނުގެ މައްޗަށް ބިނާވެފައިވާ މާނަވީ އިންސާނީ ބިނާކުރުމާއި، މާއްދީ އުމްރާނީ ބިނާކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އީޖާދީ އިޤްތިޞާދެއް ބިނާކުރުމަކީ ސަރުކާރުގެ މައިގަނޑު ތަޞައްވުރު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ 4،000 އަހަރުވީ ތާރީޚާއި ދުނިޔޭގެ އެހެން ޤައުމުތަކުގެ ތާރީޚާ އަޅާކިޔާއިރު، ދިވެހިންނަކީ ނަސީބުވެރި ބައެއްކަން ރަނގަޅަށް އިޙްސާސްކުރެވޭނެ ކަމަށާއި، މަދު އާބާދީއެއްގެ ބަޔަކު މިނިވަންކަމާއެކު ތިބެން މާތް ﷲ މިންވަރުކުރެއްވުމަކީ ބޮޑު ނިޢުމަތެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޤައުމާއި ވަތަނުގެ ދިފާޢުގައި ފިކުރާއި އަމަލުތައް ސީދާކުރަން ޖެހޭނެ، އަޅުގަނޑުމެންގެ ކުރިއެރުމާއި މަދަނީ ތަހުޒީބީ ޙަޔާތަށް ޖާގަ ހޯދަން ޖެހޭނެ،" ރައީސް ވިދާޅުވިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު