Thursday, November 19
ޚިދުމަތުގެ އެންމެ މަތީ ޝަރަފު ޑރ. ރަޝީދާއި ޢައްބާސް އިބްރާހީމަށް އަރުވައިފި

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ރަސްމީ ޖަލްސާގައި، ޚިދުމަތުގެ އެންމެ މަތީ ޝަރަފު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމާއި ޢައްބާސް އިބްރާހީމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.

ޑރ. މުޙައްމަދު ރަޝީދު އިބްރާހީމަށް އަރުވާފައިވަނީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުމާއި ދީނީ ރޮނގުން ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފެވެ. ޢައްބާސް އިބްރާހީމަށް އަރުވާފައިވަނީ ދިވެހި ބަހާއި އަދަބިއްޔާތަށް ޚިދުމަތްކުރުމުގެ އެންމެ މަތީ ޝަރަފެވެ.

މިޞްރުގެ ޖާމިޢުލް އަޒްހަރުން މަތީ ތަޢުލީމު ޙާޞިލުކުރައްވައި ރާއްޖެ ވަޑައިގަތުމަށްފަހު، ޑރ. ރަޝީދު ދައުލަތުގެ ޚިދުމަތް ފައްޓަވާފައިވަނީ 8 ފެބްރުއަރީ 1981 ގައި ރައީސް އޮފީހުގެ އެޑްވައިޒަރުގެ މަޤާމުންނެވެ. އޭގެ ފަހުން ރައީސް އޮފީހުގެ ޚާއްޞަ ވަކީލުކަމާއި ޢަރަބިއްޔާ ސްކޫލުގެ މުދީރުކަންވެސް އެމަނިކުފާނު ކުރެއްވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމާއި، އިސްލާމިކް މިނިސްޓަރުގެ އެޑްވައިޒަރުކަމާއި، ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ ރައީސްކަމުގެ މަޤާމުވެސް ޑރ. ރަޝީދު ވަނީ ފުރުއްވާފައެވެ. މީގެ އިތުރުން ކީރިތި ޤުރްއާން ދިވެހިބަހަށް ތަރުޖަމާކުރާ ކޮމިޓީގައި މަސައްކަތްކުރައްވައި، ހުކުރު ޚުޠުބާތަކާއި ދީނީ ފޮތްތައްވެސް އެމަނިކުފާނު ވަނީ ލިޔުއްވާފައެވެ.

ނޫސްވެރިކަމަށް އޮތް ޝައުޤުވެރިކަމުގެ ތެރެއިން ބަހާއި އަދަބިއްޔާތުގެ ދާއިރާއަށް ނުކުމެވަޑައިގެންނެވި ޢައްބާސް ވަނީ 1979 ވަނަ އަހަރުން ފެށިގެން "އާފަތިސް" ނޫސް ނެރުއްވާފައެވެ. 1996 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ދިވެހި ބަސްފޮތް ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް އެމަނިކުފާނު ކުރެއްވިއެވެ.

ނޫސްވެރިކަމުގެ ރޮނގުން ޤައުމީ އިނާމާއި ޝަރަފުގެ އިނާމު ލިބިވަޑައިގެންފައިވާ ޢައްބާސް، މިހާރު ހުންނަވަނީ ދިވެހިބަހުގެ ގަވާއިދު ކޮމިޓީގެ ރައީސްކަމާއި ދިވެހި ލިޔުންތެރިންގެ ޖަމުޢިއްޔާގެ ރައީސްކަމުގެ މަޤާމުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު