Thursday, November 19
ޖުމާންގެ ފޯނު ބޭރަށް ފޮނުވައިގެން ތަހުލީލުކުރަނީ، ބަންދަށް އިތުރު 15 ދުވަސް

ބައެއް އިމާރާތްތަކާއި އުޅަނދުފަހަރުގައި ހުޅުޖަހަން ސޯޝަލް މީޑިއާ މެދުވެރިކޮށް ގޮވާލި މައްސަލައިގައި ހައްޔަރުކުރި އެމްޑީޕީގެ އެކްޓިވިސްޓު ޢަލީ ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވައިގެން ތަހުލީލުކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރީ މިއަދު ކްރިމިނަލް ކޯޓުގައެވެ. މިދިޔަ މަހުގެ 22 ވަނަ ދުވަހު ހައްޔަރުކުރި ޖުމާންގެ ބަންދަށް ކޯޓުން މިއަދު ވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.

މައްސަލަ ބައްލަވާ ގާޒީ މުޙައްމަދު ޢަބްދުﷲ ސޮއިކުރައްވައި ނެރުއްވި ކޯޓު އަމުރުގައި ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި، ޖުމާން އޭނާގެ ފޯނުގެ ޕާސްވޯޑު ދީފައި ނުވާއިރު، ފޯނުގެ ލޮކް ކޯޑު ވެސް ކްރެކް ކުރެވިފައެއް ނުވެއެވެ.

އަދި ޖުމާން "އެކްސް"ގައި ބޭނުންކުރި އައިޑީގެ މަޢުލޫމާތު ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާ ގުޅިގެން ފުލުހުން މަސައްކަތްކުރަމުން ދާ ކަމަށާއި، އެ އައިޑީގައި ހިމެނޭ އިތުރު ޕޯސްޓުތަކުން ޖުމާނާއި އެ އައިޑީއާ ދެމެދު ގުޅުމެއް އޮތް ކަމަށް ތުހުމަތުކުރެވޭ މިންވަރަށް ފުލުހުން ހެކި ހުށަހަޅާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.

ހުޅުޖަހަން ގޮވާލި ޕޯސްޓު ޖުމާން ވަނީ "އެކްސް" އެކައުންޓުން ފަހުން ޑިލީޓުކޮށްފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެމްޑީޕީން ބޭއްވި "ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާގައި ވެސް ޖުމާން ހައްޔަރުކުރިއެވެ.

ޖުމާން ހައްޔަރުކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި ސުޕްރީމް ކޯޓުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި ތުހުމަތުގައި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ޙަސަން ޒިހާން ވެސް ވަނީ ހައްޔަރުކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު