Friday, November 20
ދިވެހިން ތިބީ ޤަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ މަތީގައި: މިނިސްޓަރު ހީނާ

ދިވެހީންނަކީ ޤަދީމީ އަދި ހައިބަވަންތަ ވެރިކަމެއްގެ މަތީގައި ތިބި ބައެއްކަން ތާރީޚުން އެނގޭ ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. ދިވެހި ދައުލަތުގެ ދޮށިކަން އަންގައިދެނީ، މީގެ 1،500 އަހަރަށްވުރެ ކުރީއްސުރެ ދިވެހި ވެރިކަމުގެ ޚަބަރުތައް ފެންނަން ހުރުމުން ކަމަށް ހީނާ ވިދާޅުވިއެވެ.

ޖުމްހޫރީ ފިކުރަކީ ދިވެހިންގެ ތެރެއަށް ތާރީޚުގެ ވަރަށް ފަހުގެ ޒަމާނެއްގައި ތަޢާރަފުވި ފިކުރެއް ނަމަވެސް، ދިވެހިންގެ ތެރޭގައި އޮތް ވެރިކަމަކީ ޖުމްހޫރީ ވަރަށް ގިނަ ސިފަތައް އެކުލެވިފައިވާ ވެރިކަމެއްކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިއީ ޤައުމެއްގެ ގޮތުން ދިވެހިންނަށް ލިބިފައިވާ ފަޚުރެއް އަދި ޝަރަފެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހީނާ ވިދާޅުވި ގޮތުގައި، ޖުމްހޫރިއްޔަތަކީ ރައްޔިތުންގެ އަމިއްލަވަންތަކަމާއި ކަރާމާތާއި މިނިވަންކަމާއެކު ބަސްބުނުމުގެ ޙައްޤު ޔަޤީންކޮށްދީ، ކޮންމެ މީހެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކޮށް، ވެރިކަމުގައި ރައްޔިތުންނަށް ބައިވެރިވެވޭ ނިޒާމެކެވެ. ޖުމްހޫރީ ވެރިކަމެއްގެ އެންމެ ބޮޑު ފައިދާއަކީ ވެރިކަން ހިންގުމުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ރައްޔިތުންނަށް ބައިވެރިވެވުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުމްހޫރީ ވެރިކަމެއްގެ ބިންގަލާއި ތަރަހައަކީ ވެސް ރައްޔިތުން ކަމުގައި ވާތީ، މުރުއްވަތްތެރި އަޚުލާޤެއްގެ ވެރި ބަޔަކަށް ވުމަށާއި، އަނެކުންނާ ރީތިކޮށް މުޢާމަލާތްކޮށް ޤަދަރާއި އިޙުތިރާމަށް އިސްކަންދިނުމަށާއި، ޤައުމަށް ޙުރުމަތްތެރިކޮށް ހިތުމަށާއި އިޚުލާޞްތެރިކަން އިސްކުރުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.

ޖަމާޢަތެއްގެ ލާބައާއި ކުރިއެރުމަށްޓަކައި، އެ ޖަމާޢަތަށް ވަކިވަކި ފަރުދުން ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކުރުމަކީ މުހިންމު ކަމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ. މި ޖަލްސާގައި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރެއްވި ބޭފުޅުންނަށް ވަނީ އިނާމު ދެއްވާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު