Thursday, November 19
ޓެކުހުގެ މައްސަލަ އިސްތިއުނާފުކުރަން 50 އިންސައްތަ މީރާއަށް ދައްކަން ޖެހޭނެ

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނަށް ގެނައި 5 ވަނަ އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރެއްވުމާއެކު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ކަނޑައަޅާ ޓެކުހުގެ އަދަދަކާ ގުޅިގެން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި މައްސަލަ އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރާ އަދަދުގެ މަދުވެގެން 50 އިންސައްތަ މީރާއަށް ދައްކައި ޚަލާޞްކުރުމަށްފަހު ކަމަށް ކަނޑައަޅައިފިއެވެ.

މި އިޞްލާޙުގައި، އެ އަދަދު އެއްކޮށް ދައްކައި ޚަލާޞްކުރަންޖެހޭ ޙާލަތްތަކާއި، އިސްތިއުނާފުކުރާ އަދަދާ ގުޅިގެން ދައްކަންޖެހޭ ޖޫރިމަނާއެއް ނުވަތަ އިންޓްރެސްޓެއް އޮތްނަމަ އެއާމެދު ޢަމަލުކުރާނެ އުސޫލުތައްވެސް ބަޔާންކޮށްފައިވެއެވެ. ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، މި ޤާނޫނަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.

ރައީސް މިއަދު ތަސްދީގުކުރެއްވި ޓެކުހާ ގުޅޭ ތިން ބިލުގެ ތެރޭގައި، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 3 ވަނަ އިޞްލާޙުވެސް ހިމެނެއެވެ. އެ އިޞްލާޙުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރުމުގައި، މާލީ އިދާރާއަކަށް ދަރަންޏާ ގުޅިގެން ދައްކާ އިންޓްރެސްޓް ފިޔަވައި، އެހެން ފަރާތްތަކަށް ދައްކާ އިންޓްރެސްޓުން އުނިކުރެވޭ އުނިކުރުންތައް މަދުކުރުމެވެ.

އަދި އިންޓްރެސްޓް ކެޕޭސިޓީ ޓެކްސް-އެބިޓްޑާ 30 އިންސައްތައިން 25 އިންސައްތައަށް ކުޑަކުރުންވެސް މި އިޞްލާޙުގައި ހިމެނެއެވެ. މި އުސޫލުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ 2027 ވަނަ ޓެކްސް އަހަރާއި އޭގެ ފަހުން އަންނަ ޓެކްސް އަހަރުތަކަށެވެ. މި ޤާނޫނު ގެޒެޓުގައި ޝާއިޢުކޮށްފައިވީ ނަމަވެސް، އެއަށް ޢަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖަނަވަރީ 1 ން ފެށިގެންނެވެ.

ރައީސް ތަސްދީގުކުރެއްވި ތިންވަނަ ބިލަކީ މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި 9 ވަނަ އިޞްލާޙެވެ. އެ އިޞްލާޙާއެކު، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްތަކާއި، އެކަމާ ގުޅޭ އޭޖެންސީ ނުވަތަ ބުކިންގ ޚިދުމަތްތަކުން 1 އޮކްޓޫބަރު 2026 އިން ފެށިގެން ނަގަމުން އައި ޖީ.އެސް.ޓީ ނެގުން ހުއްޓާލައިފިއެވެ.

މި ތިން ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ، 17 ނޮވެމްބަރު ވީ އަންގާރަ ދުވަހު ބޭއްވި، މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ 18 ވަނަ ޖަލްސާގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު