ރާއްޖެއަށް ސުނާމީގެ އިންޒާރެއް ނެރެފައިވާ ކަމަށް ބުނެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ނަމުގައި ސޯޝަލް މީޑިއާގައި ދައުރުވަމުންދަނީ ޙަޤީޤަތެއް ނެތް ދޮގު މެސެޖެއް ކަމަށް އެ އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.
އެންޑީއެމްއޭއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަނީ އެއްވެސް އަސްލެއް ނެތް މެސެޖެއް ކަމަށެވެ.
"މި އޮތޯރިޓީގެ ނަމުގައި ދައުރުވަމުން އަންނަ މި މެސެޖަކީ ހަޤީގީ މެސެޖެއް ނޫންކަމުގައި ދަންނަވަމެވެ. މި އޮތޯރިޓީއިން ޢާއްމުންނާ ޙިއްސާކުރާ މަޢުލޫމާތާއި އިރުޝާދު ދެމުންގެންދާނީ މި އޮތޯރިޓީގެ ރަސްމީ މަންސަތަކުންނެވެ. މިކަން ހުރިހާ ފަރާތްތަކުންވެސް ކަށަވަރުކުރުމަށް އެދެމެވެ،" އެންޑީއެމްއޭގެ ބަޔާނުގައި ވެއެވެ.
ކާރިސާތަކާ ގުޅޭ އެންމެހައި މަޢުލޫމާތާއި އިރުޝާދުތައް ޢާއްމުންނާ ހިއްސާކުރަމުން ގެންދާނީ އެ އޮތޯރިޓީގެ ރަސްމީ މަންސަތަކުން އެކަނި ކަމަށްވެސް އެންޑީއެމްއޭއިން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ޤުދުރަތީ ކާރިސާތައް ފަދަ ޢާއްމު ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި ހައްސާސް މައުޟޫޢުތަކުގައި ޙަޤީޤަތެއް ނެތް ވާހަކަތައް ނުފެތުރުމަށާއި، މަޢުލޫމާތު ފެތުރުމުގައި ހުރިހާ ފަރާތްތަކުންވެސް ޒިންމާދާރުކަމާއެކު ޢަމަލުކުރުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.






