Thursday, November 19
މި އަހަރު ނިމުމުގެ ކުރިން ޗާގޯސް ހަވާލުނުކޮށްފިނަމަ އިނގިރޭސިވިލާތާ ދެކޮޅަށް ދައުވާކުރާނެ: މޮރިޝަސް

އިނގިރޭސިވިލާތުން މި އަހަރު ނިމުމުގެ ކުރިން ޗާގޯސް ޖަޒީރާގެ ކޮންޓްރޯލް މޮރިޝަސްއާ ހަވާލުނުކޮށްފިނަމަ، އެ ޤައުމާ ދެކޮޅަށް ޤާނޫނީ ގޮތުން ދައުވާކުރަން ތައްޔާރަށް އޮތް ކަމަށް މޮރިޝަސްގެ ބޮޑުވަޒީރު ނަވީން ރާމްގޫލަމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގްވާމީ ނޫސްތަކުގައިވާ ގޮތުން، މޮރިޝަސްގެ ޤާނޫނުހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން ރާމްގޫލަމް ވިދާޅުވީ، އިނގިރޭސި ސަރުކާރާއެކު ސޮއިކުރެވުނު އެއްބަސްވުން ތަންފީޒުކުރުން ލަސްވަމުންދާތީ، އެ ޤައުމާ ދެކޮޅަށް ދައުވާކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިފައިވާ ކަމަށެވެ. އަދި ލަންޑަނުގައި ތިއްބެވި ބައިނަލްއަގްވާމީ ޤާނޫނީ މާހިރުންގެ ޓީމަކާ މަޝްވަރާކުރައްވައި، ބައިނަލްއަގްވާމީ ޤާނޫނުގެ ދަށުން މޮރިޝަސްއަށް ލިބިދޭ ހުރިހާ ފުރުސަތުތަކެއް ދިރާސާކުރައްވާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ރާމްގޫލަމް ވިދާޅުވި ގޮތުގައި، މޮރިޝަސްއިން އަދިވެސް އިސްކަންދެނީ ކޯޓަކަށް ނުގޮސް، ސުލްހަވެރި މަޝްވަރާގެ ތެރެއިން 2026 ވަނަ އަހަރުގެ ޑިސެމްބަރުގެ ކުރިން މި މައްސަލަ ހައްލުކުރުމަށެވެ. ނަމަވެސް، މައްސަލަ ދިގުދެމިގެން ދިޔުމުގެ ފުރުސަތު ނުދެއްވާނެ ކަމަށާއި، ބޭނުންޖެހިއްޖެ ހާލަތެއްގައި ޤާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.

ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ޗާގޯސް ހަވާލުކުރުމުގެ މަސައްކަތް މަޑުޖެހިފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ކުރި ފިއްތުމާ ގުޅިގެންނެވެ. ޗާގޯސްގެ ޑިއޭގޯ ގާސިއާގައި ގާއިމުކޮށްފައިވާ އެމެރިކާ އަދި އިނގިރޭސި އަސްކަރީ މަރުކަޒަށް މި އެއްބަސްވުމުގެ ސަބަބުން ނޭދެވޭ އަސަރުކޮށްފާނެ ކަމަށް ބުނެ، އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި މައްސަލައިގައި އިނގިރޭސިވިލާތުގެ އިދިކޮޅު ކޮންޒަވޭޓިވް ޕާޓީން ދަނީ ސަރުކާރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ޤައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ގޮތަކަށް އިނގިރޭސި ސަރުކާރުން ދޫދީގެން ނުވާނެ ކަމަށް އެ ޕާޓީން ބުނެއެވެ.

މި މައްސަލައާ ގުޅިގެން މޮރިޝަސްއިން ވަނީ މީގެ ކުރިން ދިވެހިރާއްޖެއާއެކު އޮތް ޚާރިޖީ ގުޅުން ކަނޑާލާފައެވެ.

ފޯޅަވަހީގެ ރަށްތަކުގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަމަށް ބަލައިގަތުމަށް ރާއްޖެއިން ދެކޮޅުހަދަމުން އައި ނަމަވެސް، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު އެ ސްޓޭންޑް ބަދަލުކުރައްވައި މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީއެއް ފޮނުއްވާފައިވެއެވެ. އެ ސިޓީ މިހާރުގެ ސަރުކާރުން ވަނީ ފަހުން އާންމުކޮށްފައެވެ.

ދެ ޤައުމުގެ ކަނޑުގެ ސަރަހައްދު ބެހުމުގައި އިޓްލޮސްއިން ނިންމި ނިންމުމާއެކު، ރާއްޖެއަށް 47,232 އަކަކިލޯމީޓަރު އަދި މޮރިޝަސްއަށް 45,331 އަކަކިލޯމީޓަރު ވަނީ ކަނޑައަޅާފައެވެ. ރާއްޖޭގެ ދެކުނުގައި އޮންނަ ފޯޅަވައްސަކީ ޒަމާނުއްސުރެ ދިވެހިން މަސްވެރިކަން ކުރަމުން އައި، ރާއްޖެއާ ތާރީޚީ ގޮތުން ގުޅިފައިވާ ސަރަހައްދެކެވެ.

ވެރިކަންކުރާ ޕީއެންސީން ވަކާލާތުކުރަމުން އަންނަނީ އެ މުޅި ސަރަހައްދަކީ ރާއްޖެއަށް ހައްގުވާ ބައެއް ކަމަށާއި، ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު