ރާއްޖޭގައި ވިޔަފާރިކުރާ ދާއިމީ ތަނެއް ނެތް ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތްތަކުން ޓެކްސް ނެގުން ހުއްޓާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިޞްލާޙަކާ ގުޅިގެން، އެ ފަރާތްތަކުގެ އަތުން ޓެކްސް ނަގަން ފެށީ މިދިޔަ އޮކްޓޫބަރު މަހުގެ 1 އިން ފެށިގެންނެވެ. އެ ބަދަލާ ގުޅިގެން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކުގެ ބޮޑެތި ޓުއާ އޮޕަރޭޓަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެ ޓެކްސް ނެގުން ހުއްޓާލުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އަންގާރަ ދުވަހު ބޭއްވި ޖަލްސާގައެވެ.
މި ބިލުގައި ޓެކްސް ކަނޑާލުމުގެ އިތުރުން، ޖީއެސްޓީ ދެއްކުމުން އެއްކިބާވާ ފަރާތްތަކާމެދު ޓެކުހާ ބެހޭ އިދާރާ މީރާއަށް އެޅޭނެ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުން ވެސް ހިމެނެއެވެ.
ރައީސް މި ބިލު ތަސްދީގުކުރެއްވުމާއެކު، މި އިޞްލާޙަށް މިއަދުން ފެށިގެން ޢަމަލުކުރަން ފަށައިފިއެވެ.






