ނަސްލު ނައްތާލުމުގެ ކުށް ހުއްޓުވުމާއި އެކަމަށް އަދަބު ދިނުމާ ބެހޭ ބައިނަލްއަގްވާމީ މުޢާހަދާ ތަންފީޒުކުރުމާ ގުޅޭގޮތުން، ދަ ގެމްބިއާއިން މިޔަންމާއާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު ނެރުނު ހުކުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރޮހިންޔާ ދަރިކޮޅުގެ މީހުން ނައްތާލުމުގެ ނިޔަތުގައި މިޔަންމާއިން ޢަމަލުކޮށްފައިވާ ކަމަށް އައިސީޖޭއިން ވަނީ ކަނޑައަޅާފައެވެ.
ރައީސް ވިދާޅުވީ، މި ހުކުމަކީ ނަސްލު ނައްތާލުމާ ދެކޮޅު މުޢާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ނެގެހެއްޓުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވެމުންދާ މަސައްކަތްތަކަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށާއި، ސުލްޙަވެރި އަދި ޝަރުޢީ ނިޒާމުގެ ތެރެއިން ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އައިސީޖޭއިން އަދާކުރާ މުހިންމު ދައުރު މި ހުކުމުން ހާމަވެގެންދާ ކަމަށެވެ.
މި މައްސަލައަށް ތަދައްޚުލުވި ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭކަން ފާހަގަކުރައްވައި، ނަސްލު ނައްތާލުން ހުއްޓުވުމަށާއި އެކަމާ ދެކޮޅަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ކުރިއެރުވުމަށް ރާއްޖެ ދެމިއޮންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.
މިފަދަ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ ޤާނޫނަށް އިޙްތިރާމްކުރުމުގެ އިތުރުން، އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށާއި ކުށްވެރިން ޖަވާބުދާރީކުރުވުމަށް މުޅި ބައިނަލްއަގްވާމީ މުޖުތަމަޢުގެ އެއްބާރުލުން ބޭނުންވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި އިންސާނީ ކަރާމާތް ރައްކާތެރިކުރުމާއި އިންސާފު ޤާއިމުކުރުމުގެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ރައީސް ވަނީ ހުރިހާ ޤައުމުތަކަށް ގޮވާލައްވާފައެވެ.
މި މައްސަލައަކީ ރޮހިންޔާ ދަރިކޮޅު ނައްތާލަން މިޔަންމާއިން މަސައްކަތްކުރި ކަމަށް ތުހުމަތުކޮށް، 2019 ވަނަ އަހަރު ގެމްބިއާއިން އައިސީޖޭއަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގެ ފެށުން ގުޅިފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓު މަހު މިޔަންމާގެ އަސްކަރިއްޔާއިން ރަކީން ސްޓޭޓްގައި ފެށި އަސްކަރީ އޮޕަރޭޝަނާއެވެ.






