ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 560 ގްރާމުގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ 11 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ.
ބަންގްލަދޭޝުން ރާއްޖެއަށް އައި 32 އަހަރުގެ ބަންގްލަދޭޝް ފިރިހެން ފަސިންޖަރެއްގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، އޭނާގެ ލަގެޖު ބަލައިފާސްކުރުމުގެ ތެރޭގައި މި ތަކެތި ފެނިފައިވާ ކަމަށް ވެސް ކަސްޓަމްސްއިން ބުނެފައިވެއެވެ.
ފެނުނު ތަކެތި ޓެސްޓުކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ އެމްފެޓަމައިންއަށް ފައްސިވެފައިވާ ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި ޖުމްލަ 560 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން ވަނީ މަޢުލޫމާތު ދީފައެވެ.






