ވޭތުވެދިޔަ ތިން އަހަރުތެރޭގައި 1.4 ބިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން، މި ސަރުކާރުގެ ތިން އަހަރުތެރޭގައި 1،327 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. ހަމައެއާއެކު 16،852 ބަނގުރާ ފުޅި ވެސް އަތުލައިގެންފައިވާ ކަމަށް އެ ތަފާސްހިސާބުތަކުގައިވެއެވެ.
ވުޒާރާއިން ހާމަކުރި ގޮތުގައި، މި މުއްދަތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް 508 އޮޕަރޭޝަން ހިންގާފައިވެއެވެ. އަދި މަސްތުވާތަކެއްޗާ ގުޅުންހުރި މާލީ ކުށްތަކާއި މަނީ ލޯންޑަރިންގެ ތަޙުޤީޤުތައް ވެސް ކުރިއަށް ގެންގޮސްފައިވާއިރު، މަސްތުވާތަކެތީގެ ވިޔަފާރި ހިންގާ 11 ތަނެއް ވަނީ ބަންދުކޮށްފައެވެ.
ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާޢީ އެންމެ ބޮޑު މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލަ ހިމެނެއެވެ. އެ މައްސަލައަށް ހައްލު ހޯދުމުގެ ގޮތުން މަސްތުވާތަކެއްޗާ ބެހޭ ޤާނޫނަށް ގެނައި އިޞްލާޙުތަކަށް މިދިޔަ މާރިޗު މަހު ވަނީ އަމަލުކުރަން ފަށާފައެވެ.






