Thursday, November 19
ރިއަލް އެސްޓޭޓް ބިލަށް ޑިސެމްބަރު 2 ގެ ނިޔަލަށް އާންމުންގެ ޚިޔާލު ހޯދަނީ

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އާންމުންގެ ޚިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީން މިއަދު ނިންމައިފިއެވެ.

ކޮމިޓީން ނިންމި ގޮތުގައި، މިއަދުން ފެށިގެން ޑިސެމްބަރު 2 ގެ 14:00 ގެ ކުރިން ބިލަށް ޚިޔާލު ހުށަހެޅޭނެއެވެ. ޚިޔާލު ހުށަހަޅަންވާނީ ކޮމިޓީއަށް މެއިލް ކުރުމުން ނުވަތަ މަޖިލީހުގެ އިދާރާއަށް ލިޔުމުން ހުށަހެޅުމުންނެވެ.

ބިލަށް އާންމުންގެ ޚިޔާލު ހުށަހަޅަން ދެ ހަފުތާގެ މުއްދަތެއް ދިނުމަށް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު އަލީ މޫސާއެވެ. އެ ހުށަހެޅުން ފާސްވީ ކޮމިޓީގެ އަޣުލަބިއްޔަތުންނެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި، ކަމާ ގުޅުންހުރި މުއައްސަސާތަކުގެ ޚިޔާލު ލިޔުމުން ހޯދުމަށްވެސް ކޮމިޓީން ވަނީ ނިންމާފައެވެ.

ޚިޔާލު ހޯދާނެ މުއައްސަސާތަކުގެ ތެރޭގައި އިކޮނޮމިކް މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، އެޓާނީ ޖެނެރަލްގެ އޮފީސް އަދި ވިޒިޓް މޯލްޑިވްސް ހިމެނެއެވެ.

ކޮމިޓީން ބިލުގެ މަސައްކަތް ނިންމައި މަޖިލިސް ތަޅުމަށް ފޮނުވުމަށް ކަނޑައަޅާފައިވަނީ ޑިސެމްބަރު 7 ވަނަ ދުވަހެވެ.

ވެރިކަންކުރާ ޕީއެންސީގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަޙްމަދު އައިފާން ހުށަހެޅުއްވި މި ބިލު، އިއްޔެ ބޭއްވުނު މަޖިލީހުގެ ޖަލްސާގައި ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވިއެވެ. ޔޫއޭއީގެ އީގަލް ހިލްސްއާއެކު ރަސްމާލޭގައި ކުރިއަށް ގެންދާ މަޝްރޫޢާ ގުޅުންހުރި މި ބިލުގައި، ރިއަލް އެސްޓޭޓް ޒޯނުގެ ޕްރޮޕަޓީއެއްގެ ލީސްހޯލްޑް ރައިޓްސް އިސްރާއީލުގެ ރައްޔިތުންނަށް ނުވިއްކޭނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު