Thursday, November 19
ފަނޑިޔާރުންނާ މުޚާޠަބުކުރާނެ ރަސްމީ ގޮތްތައް ޖޭއެސްސީން ކަނޑައަޅައިފި

ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާނެ ރަސްމީ ގޮތްތައް، ކޯޓުތަކުގެ ދަރަޖައާ އެއްގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކަނޑައަޅައިފިއެވެ.

ޖޭއެސްސީން މިއަދު ނެރުނު ސާކިއުލަރުގައިވާ ގޮތުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާއިރު "އޮނަރަބަލް"ގެ ލަޤަބު ބޭނުންކުރަންޖެހޭނެއެވެ.

މިހާތަނަށް ޖޭއެސްސީން ހަމަޖައްސާފައި އޮތް ގޮތުގައި، ފަނޑިޔާރުންނާ މުޚާޠަބުކުރާއިރު ހިމަނަމުން އައީ ހަމައެކަނި އެ ބޭފުޅެއްގެ މަޤާމުގެ ނަމެވެ.

ހައިކޯޓުގެ ފަނޑިޔާރުންނާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާ މުޚާޠަބުކުރާއިރު، މަޤާމުގެ ނަމާއެކު "އަލްއުސްތާޛު" ނުވަތަ "އަލްއުސްތާޛާ" ނުވަތަ "ޑޮކްޓަރު"ގެ ލަޤަބު ހިމަނަންޖެހޭނެ ކަމަށް ސާކިއުލަރުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، ހައިކޯޓުގެ އިސް ފަނޑިޔާރަށް "ހައިކޯޓުގެ އިސް ފަނޑިޔާރު" އަދި ހައިކޯޓުގެ އެހެން ފަނޑިޔާރުންނަށް "ފަނޑިޔާރު" ގެ ނަމުން މުޚާޠަބުކުރާނެއެވެ. ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު، ޖުވެނައިލް ކޯޓު އަދި ޑްރަގް ކޯޓުގެ އިސްވެރިންނަށް "އިސް ޤާޟީ" އަދި އެ ކޯޓުތަކުގެ އެހެން ފަނޑިޔާރުންނަށް "ޤާޟީ" ގެ ނަމުން މުޚާޠަބުކުރާނެއެވެ.

އަތޮޅުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކާ ގުޅޭގޮތުން، ޖުޑީޝަލް ދާއިރާތަކުގެ އިސްވެރިންނަށް އެ ދާއިރާއެއްގެ ނަމާއެކު "އިސް މެޖިސްޓްރޭޓް" އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނަށް "މެޖިސްޓްރޭޓް" ގެ ނަމުން މުޚާޠަބުކުރާނެއެވެ.

މި ނިންމުން ނިންމާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން އެކި ދަރަޖައިގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަންކުރެވޭއިރު، ކޯޓުތަކުގެ ދަރަޖައާ އެއްގޮތަށް ފަނޑިޔާރުންނާ މުޚާޠަބުކުރުމުގައި އެއްގޮތް އުޞޫލެއް ޤާއިމުކުރުމުގެ ގޮތުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު