ޗައިނާގެ ޓިއަންޖިންގައި 2027 ވަނަ އަހަރުގެ އެޕްރީލް މަހު ބާއްވާ "ސީފާ 2027" މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހި ވިޔަފާރިތަކަށް ހުޅުވާލައިފި ކަމަށް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ކުރި އިޢުލާނުގައި ބުނެފައިވާ ގޮތުގައި، "2 ވަނަ ޓިއަންޖިން އިންޓަނޭޝަނަލް އިމްޕޯޓެޑް ފުޑް އެންޑް އެގްރިކަލްޗަރަލް ޕްރޮޑަކްޓްސް އެގްޒިބިޝަން" ކުރިއަށްދާނީ 2027 ވަނަ އަހަރުގެ އެޕްރީލް 22 އިން 24 އަށެވެ. މި މައުރަޒުގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް ހުޅުވާލެވިފައިވާ ކަމުގެ މަޢުލޫމާތު ޗައިނާ ސަރުކާރުން ވަނީ މިނިސްޓްރީއާ ހިއްސާކޮށްފައެވެ.
ރާއްޖޭގެ ކުންފުނިތަކާއި ސިނާޢީ އެކި ދާއިރާތަކުން މައުރަޒުގައި ބައިވެރިވުމަށް، އެ މައުރަޒު އިންތިޒާމުކުރާ ފަރާތުން ދަޢުވަތު އަރުވާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މައުރަޒު ބާއްވާ މައިގަނޑު މަޤްޞަދަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ އުފެއްދުންތެރިންނާއި މުދާ އެކްސްޕޯޓްކުރާ ފަރާތްތައް، ޗައިނާގެ އިމްޕޯޓަރުންނާއި މުދާ ގަންނަ ފަރާތްތަކާ ގުޅުވައިދިނުމެވެ. މިއީ ދިވެހި ވިޔަފާރިތަކަށް ޗައިނާގެ ބޮޑު މާކެޓަށް ވަދެ، ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމާއި ބައިނަލްއަޤްވާމީ ފެންވަރުގައި އުފެއްދުންތައް އިޝްތިހާރުކުރުމަށް ލިބޭ އަގުހުރި ފުރުޞަތެއް ކަމަށް މިނިސްޓްރީން ފާހަގަކޮށްފައިވެއެވެ.
މައުރަޒުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް، އިންތިޒާމުކުރާ ފަރާތަށް އީމެއިލް ކޮށްގެން އިތުރު މަޢުލޫމާތު ހޯދިދާނެ ކަމަށާއި، ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށްފަހު އެ މަޢުލޫމާތު އީމެއިލް މެދުވެރިކޮށް މިނިސްޓްރީއާ ހިއްސާކުރުމަށް ވެސް މިނިސްޓްރީން ވަނީ އެދިފައެވެ.






