Thursday, November 19
އާންމުންނަށް ލިބެން އޮތް ތަނަވަސްކަން ހުއްޓުވުމަކީ ހީލަތްތެރި ރޭވުމެއް: ނަޝީދު

"ޓަކާ ޓަކާ" ގޮވައިގެން، ދިވެހި އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމާއި އުފާވެރިކަން ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ، ރަސްމާލޭގައި އީގަލް ހިލްސްއާއެކު ހިންގަން ރާވާފައިވާ މަޝްރޫޢާ ދެކޮޅަށް ކުރިއަށްގެންދާ ހަރަކާތްތަކަށް ފާޑުކިޔުއްވަމުން، މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

"ޓަކާ ޓަކާ ގޮވައިގެން، އާއްމު މީހާއަށް ލިބެން އޮތް ތަނަވަސްކަމާއި އުފާ ހުއްޓުވުމަކީ ހުތުރުވެގެންވާ ހީލަތްތެރި ރޭވުމެއް. ރާއްޖެ ނިކަމެތިކަމުގައި ބާއްވަން ޖަހާ މަޅިއެއް،" ނަޝީދު ވިދާޅުވިއެވެ.

ރާއްޖޭގެ ތަނަވަސް އާއިލާތަކުގެ ބޭފުޅުންގެ ގެދޮރާއި ބިން މާލޭގެ އިތުރުން ސްރީލަންކާގައި ވެސް އެބަހުރި ކަމަށާއި، އެ ބޭފުޅުންގެ ދަރިން ބޭރުގެ މީހުންނާ ކައިވެނިކޮށްގެން ދިރިއުޅެމުންދާއިރު، އާންމު ރައްޔިތުންނަށް ލިބެން އޮތް ތަނަވަސްކަމަށް ހުރަސްއަޅަން މަސައްކަތްކުރާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ދަންނަވާ އެމްޑީޕީއަކީ އަމިއްލަ ނޭފަތު ކުރިއަށްވުރެ ދުރަށް، ރަށުގެ ގޮނޑުދޮށާއި އަތޮޅުގެ ދުނިން ބޭރަށް، މުޅި ރާއްޖޭގެ އިންފާރުން ބޭރަށް ވިސްނުން ގެންދިއުމަށް އުފެދުނު ޕާޓީއެއް ކަމަށާއި، އެއީ ތަފާތު ސަގާފަތްތަކަށް ހުޅުވިފައިވާ ލިބަރަލް ވިސްނުމުގެ ޕާޓީއެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

އެމްޑީޕީން ދެކޭ ގޮތުގައި ދިވެހި ރައްޔިތުން އެދެނީ ތަނަވަސްކަމާއި ހާސްކަމެއް ނެތް، ތާހިރު ދިރިއުޅުމަކަށް ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރަސްމާލެ މަޝްރޫޢު ހުއްޓާލަން ގޮވާލައި ކުރިއަށްގެންދާ ހަރަކާތުގައި އެމްޑީޕީގެ ބައެއް ބޭފުޅުން ބައިވެރިވާއިރު، ނަޝީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަޝްރޫޢަށް ތާއީދުކުރައްވާ ކަމަށެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓަރފްރަންޓް އަދި މެރީނާ މަޝްރޫޢެއް ތަރައްޤީކުރުމަށް ސަރުކާރާއި އަބޫދާބީގެ އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސެޕްޓެންބަރު 21 ގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު