މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމާލެ ފޭސް 1 އިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން މި މަހުގެ 17 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ އދ. ދިއްދޫ، ނޫރާނީވިލާ، ޙުސައިން ޒަޔާން (21އ) އާއި މާލެ، ގ. ސިނަމާލެ 022-13، މުޙައްމަދު އިޔާޒް ޢަބްދުﷲ (21އ) ކަމަށެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި، މި ދެ މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލްކުރަމުން ދިޔައިރު، ފުލުހުން ފެނުމުން އެ މީހުން ސައިކަލެއްގައި ފިލަން މަސައްކަތްކުރުމުންނެވެ.
އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމު ހުސްކުރި 7 ދަޅާއި 6 ރަބަރު ޕެކެޓާއި 18 ސެލޯފިންކޮޅު ވަނީ ފެނިފައެވެ. ފެނުނު ތަކެތީގެ ވަގުތީ ބަރުދަނަކީ 297.4 ގުރާމް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ޒަޔާން 10 ދުވަހަށާއި މުޙައްމަދު އިޔާޒް ޢަބްދުﷲ 7 ދުވަހަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.






