Thursday, November 19
2027 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުނު ގޮތަށް ބަޖެޓް ކޮމިޓީން ފާސްކޮށްފި

އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 59.7 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓަށް އެއްވެސް ބަދަލެއް ނުގެނެސް، މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މި ބަޖެޓް ފާސްކުރުމަށް ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. އެ ހުށަހެޅުމަށް މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހްމަދު ޒަމީރު ތާއީދުކުރެއްވިއިރު، ބަޖެޓް ފާސްވެފައިވަނީ ކޮމިޓީގައި ވޯޓު ދެއްވި 10 މެންބަރުންގެ އިއްތިފާޤުންނެވެ.

މި ނިންމުމާއެކު، 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ޖުމުލަ އަދަދަކަށް 59,704,440,795 ރުފިޔާ ކަނޑައެޅިފައިވާއިރު، ހިލޭ އެހީއާއެކު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 43,150,106,809 ރުފިޔާއެވެ. މީގެ އިތުރުން، ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ 8,211,992,410 ރުފިޔާވެސް ހުށަހެޅި ގޮތަށް ފާސްކުރުމަށް ކޮމިޓީން ނިންމާފައިވެއެވެ.

ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތަކުގެ ބަޖެޓަށް ބަދަލެއް ނުގެންނަން ނިންމި ސަބަބެއްގެ ގޮތުގައި ކޮމިޓީގެ ހުށަހެޅުމުގައި ފާހަގަކޮށްފައިވަނީ، މިނިސްޓްރީތަކުގެ ބަޖެޓަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް އެކުލަވާލާފައިވާ ބަޖެޓަކަށް ވުމާއި، މިނިވަން މުއައްސަސާތަކުގެ ބަޖެޓު އެކުލަވާލާފައިވަނީ އެ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކަމަށް ވުމެވެ.

އަދި، މިނިވަން މުއައްސަސާތަކުގެ ޤާނޫނީ ޒިންމާ އަދާކުރުމަށް ބަޖެޓުގެ ދަތިކަމެއް ކުރިމަތިވެއްޖެނަމަ ކޮންޓިންޖެންސީ ބަޖެޓުން ފައިސާ ހަމަޖައްސައިދޭނެކަމުގެ ޔަޤީންކަން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ދީފައިވާތީ، ވަކިވަކި އޮފީސްތަކުގެ ބަޖެޓަށް ބަދަލެއް ގެންނަން ނުފެންނަކަމަށް ކޮމިޓީން ކަނޑައެޅިއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު